މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލް
މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލް
އައްޑޫ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށްޓަކައި ޓޫރިޒަމް ޤާނޫނަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަންވެސް ކުރަށްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ފައިސަލް ވިދާޅުވީ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައި އޮންނަތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އަދި އެކަން އެގޮތަށް އޮތުމަކީ ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށްޓަކައި އެތަނުގެ މެނޭޖްމަންޓުގައި ހިމެނޭ ރާއްޖޭގައި ތިއްބެވި ފަރާތްތަކާ ބައްދަލު ކުރަށްވާފައިވާ ކަމަށާއި ރާއްޖޭން ބޭރުގައި ތިއްބެވި ފަރާތްތަކާ ވަރަށް އަވަހަށް ބައްދަލު ކުރަށްވާނެ ކަމަށެވެ.

ޝަންގްރިއްލާ އަކީ އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަން ފާހަގަ ކުރަށްވަމުން ވަޒީރު ވިދާޅުވީ ރިސޯޓެއް ތަރައްޤީ ކުރުމަށްފަހު ބަރާބަރަށް ކުލި ދައްކާނަމަ އެރަށެއް އަނބުރާ އަތުލެވޭނެ ގޮތެއް ފަތުރުވެރިކަމުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިނެތް ކަމަށެވެ.

ނަމަވެސް ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ޝަންގްރިއްލާ ހުޅުވުމަށްޓަކައި ޓޫރިޒަމް ޤާނޫނަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަންވެސް ކުރުންކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވީ ޝަންގްރިއްލާ ވީ އެންމެ އަވަހަކަށް ހުޅުވާނެ ވާހަކަ. އެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިދަނީ ކުރަމުން.” ފައިސަލް ވިދާޅުވިއެވެ.

އޭގެ އިތުރުން ފައިސަލް މިއަދު ވިދާޅުވީ ޓެކްސް ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުތަކަކީ މިވަގުތަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން