މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލް
މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލް
ހަންކެޑެ މަޝްރޫޢުގެ ފަންޑިން އެއްބަސްވުމުގައި މިހާތަނަށްވެސް ސޮއިކޮށްފައި ނެތް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިސަލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ފައިސަލް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރެވޭނީ ކޮންގޮތަކަށް މަސައްކަތް ކޮށްގެންތޯ ބައްލަވާފައިވާ ކަމަށާއި އެކަމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރަށްވަމުން ގެންދަވާ ކަމަށެވެ.

އައްޑޫ ހަންކެޑެ ޕްރޮޖެކްޓަށް އަލިއަޅުވާ ލައްވަމުން ފައިސަލް ވިދާޅުވީ އެ ޕްރޮޖެކްޓަކީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އާ ޙަވާލު ކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށާއި އެކުންފުނިން އެމަސައްކަތް ކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާ ޙަވާލުކޮށްގެން ކަމަށެވެ.

“ފަންޑު ހަމަޖެހިފައިވާ ކަމަށް ޢާއްމު ރައްޔިތުންގެ ތެރޭގައި ވާހަކަ ދެކެވެނީ.. އަޅުގަނޑުމެން ސަރުކާރާ ޙަވާލުވީއިރު އެކަމުގައި ސޮއި ނުކުރެވިއޮތީ. އެކަމުގެ ނެގޯސިއޭޝަން ކުރިއަށް ދަނީ ޗައިނާ ޕާޓީއަކާ އެކީގަ.” ވަޒީރު މިއަދު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޗައިނާ ކުންފުންޏާއެކު އެއްބަސްވުމަށް ނާދެވިގެން އުޅެނީ މަސައްކަތުގެ ފަންޑިންގެ އިންޓަރެސްޓް ރޭޓާއި ގުޅިގެންކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ފައިސަލް މިހެން ވިދާޅުވެފައިވާއިރު ހަންކެޑެ ތަރައްގީކުރަން ހިންގާ 142.9 މިލިއަން ޑޮލަރުގެ މި މަޝްރޫއު ސީއެންއީއީސީ އާއި ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރޗް 30 ގައެވެ.

މި މަޝްރޫއުގެ ދަށުން ހަންކެޑެގައި އެކި ފަންތީގެ 2082 ޓޫރިސްޓު އެކޮމޮޑޭޝަން، ފެސިލިޓީތަކެއްގެ ގޮތަށް ގާއިމުކުރާނެއެވެ. އެއީ 600 އެނދުގެ ދެ ގްރޭންޑް ހޮޓެލް، 320 އެނދުގެ ދެ ޑިލަކްސް ހޮޓެލް، 560 އެނދުގެ އަށް ބުޓީކް ހޮޓެލް، 560 އެނދުގެ އަށް ސާވިސްޑް އެޕާޓްމަންޓު، 32 އެނދުގެ އަށް ބީޗް ވިލާ އަދި 72 އެނދުގެ ނުވަ ބީޗް ވިލާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން