ރާއްޖޭގެ ފަޅުރަށެއް
ރާއްޖޭގެ ފަޅުރަށެއް
ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ނުދާ 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ނަގާފައިވާ 58 ރަށެއް ނުހެދި އެބައޮތް ކަމަށެވެ. އޭގެތެރޭގައި 30 އަހަރުވެފައި ހުރި ރަށްތައް ހުރިކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރަން ދީފައިވާ ރަށްތަކުން މަސައްކަތް ކުރިޔަށް ނުދާ 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ބަންޑާރަ ނައިބު އަހްމަދު އުޝާމުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

“އެއްވެސް މަސައްކަތެއްކޮށްފައި ނުވާ 22 ރަށެއްގެ އެއްބަސްވުން ޓަރމިނޭޓުކުރުމަށް ބަންޑާރަނައިބުގެ ލަފާފުޅަކަށް އެދިފައިވާނީ.” ފައިސަލް ވިދާޅުވިއެވެ.

އޭގެ އިތުރުން މަސައްކަތް ފެށުމަށްފަހު ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައިވާތީ ފަތުރުވެރިކަމުގެ ޚިދުމަތަށް ނުނެރެވި ރަށްތަކެއް ހުރިކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެކަމަށް ޙައްލެއް ހޯދުމަށް ފަތުރުވެރިކަމާއި ބެހޭ ޤާނޫނަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބު ކުރައްވަމުން ގެންދަވާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

“ޓަރމިނޭޓް ކުރުމުން އެކަށީގެންނުވާ ބަދަލުތަކެއް ކޯޓަށް ގޮސްގެން ހޯދާކަން ފާހަގަކުރެވިފައިވުމުން ޤާނޫނަށް އިސްލާހު މިގެންނަނީ.” ވަޒީރު މިއަދު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރިސޯޓު ހަދަން ރަށްތައް ނަގާފައިވާ ފަރާތްތަކާއި އިންވެސްޓަރުންނާއި ގުޅުވައިދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށެވެ. އަދި ބައެއް ރަށްރަށުގެ ޖޫރިމަނާ 100 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އެރަށްތައް މާކެޓަށް ނެރެން ބޭނުންނަމަ އެކަމަށްވެސް ލުއިތަކެއް ދޭންޖެހޭ ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން