ކުރީގެ ރައީސް މައުމާން (ވ) އާއި ރައީސް ޞާލިޙް (ކ)
ކުރީގެ ރައީސް މައުމާން (ވ) އާއި ރައީސް ޞާލިޙް (ކ)
ދިވެހިރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށް ރާއްޖޭގައި 30 އަހަރު ދުވަހު ވެރިކަން ކުރައްވައި ރިޔާސީ ނިޒާމަށް ވަކާލާތުކުރައްވައި އެނިޒާމުގެ ވޯޓު ކާމިޔާބު ކުރެއްވި ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅުއްވުމާ ގުޅިގެންނެވެ.

ރައީސް މައުމޫން މިރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށެވެ.

އަދި "2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން." ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.



ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވޯޓުން ކަނޑައެޅި ނަމަވެސް ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރަށް ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ބަރުލަމާނީ ގިނަ ސިފަތައް ވެސް ހިމެނޭ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެގެންދާނެތީއާއި ރައްޔިތުން އިންތިހާބު ކުރާ މަޖިލީހެއް ވެސް އޮންނާނެތީ އެ އިސްލާހު ގާނޫނު އަސާސީއާ ތައާރަޒު ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. މިހާރު އަމަލު ކުރަމުން ގެންދާ ރިޔާސީ ނިޒާމު ކަނޑައެޅީވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެންނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކައަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ކޮންމެވެސް ވަރަކަށް ދެކެވެމުންދާ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން