ލޭއަޅަނީ
ލޭއަޅަނީ
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމަށް ފޮނުވި އެއް ކުއްޖަކު މިދިޔަ ހަފްތާގައި ނިޔާވެފައިވާ ކަމަށާއި މިއަހަރު މިހާތަނަށް 3 ކުދިން ފަރުވާ ފުރިހަމަކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ ޒަކާތު ފަންޑުންނެވެ. ސަރުކާރުން ނިންމާފައިވަނީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ޚަރަދުގައި ދިހަ ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވީ ސަރުކާރުން ޒަކާތު ފަންޑުގެ އެހީގައި 14 ކުއްޖަކު ބޯންމެރޯ ފަރުވާއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ތިން ކުދިން ފަރުވާ ފުރިހަމަކޮށްފައިވާ އިރު ދެ ކުއްޖަކު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ބޯންމެރޯއަށް ފޮނުވި އެއް ކުއްޖަކު މިދިޔަ ހަފްތާގައި ނިޔާވެފައިވާ ކަމަށެވެ. އަދި ބާކީތިބި ހުރިހާ ކުދިންވެސް ފަރުވާ މުޅިން ފުރިހަމަކޮށް މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު ތެލެސީމިއާ މާސްޓަ ޕްލޭން އިފުތިތާހު ކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިހާރުވެސް 40 ކުދިން ބޯންމެރޯ ހެދުމަށް ލިސްޓް ކުރެވިފައިވާ ކަމަށެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ކުއްޖަކު ފުރީ ނިމިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހެވެ.

ސަރުކާރުން މިހާރުވަނީ ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް އެސްޓީއޯ މެދުވެރިކޮށް އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

ތެލެސީމީއާ ބަލީގެ 659 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިން ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އޭގެ އިތުރުން ރާއްޖޭގައި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަަށް މިސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން