ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ހާލަތުގައި ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭނެކަމަށް މޯލްޑިވްސް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ބުނެފި އެވެ.

އެނދުމަތިނުކޮށް ދޭ ފަރުވާތަކުގައި އަމިއްލަ އިންޝުއަރެންސް އޮންނަނަމަ އެ އިންޝުއަރެންސުން ޚިދުމަތުގެ އަގު ފުރަތަމަ ކަނޑާގޮތަށް ނިންމީ މިދިޔަ މަހު 31ގަ އެވެ.

ނަމަވެސް ކުއްލިއަކަށް އެ ނިންމުން ނިންމުމާ ގުޅިގެން ޕްރައިވެޓް އިންޝުއަރެންސް ދޭ ގިނަ ކުންފުނިތަކުން ކޭޝްލެސް ސާވިސް ހުއްޓާލަން ވަނީ ނިންމައިފަ އެވެ. އެއާއެކު އަމިއްލައަތުން ފައިސާ ދައްކަން ޖެހިދާނެކަމަށް ބައެއް ސިއްހީ ހިދުމަތްދޭ ޕްރައިވެޓްތަންތަނުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އެންސްޕާއިން މިއަދު ބުނީ އެއްވެސް ފަރާތަކަށް ޕްރައިވެޓް އިންޝުއަރެންސްގެ ކަވަރޭޖް ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައި ނަމަ އެ ފަރާތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ހިދުމަތް ލިބެމުންދާ ގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އަދި އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓް ހުއްޓާލުމުގެ ސަބަބުންކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕޮލިސީ އިން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، އާސަންދައިގެ ކަވަރޭޖް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެކަމުގެ ޔަގީންކަން އެންސްޕާއިން ވަނީ ދީފަ އެވެ.

"މިފަދަ ދަނޑިވަޅުގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަކުރަމުންދާތީ މި އޭޖެންސީން އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމެވެ." އެންސްޕާގެ ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން