ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް ނިންމުމަށް ފަހު އަންނަ ހަފުތާ ތެރޭގައި ވަގުތީ ލިސްޓެއް އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ "ޕީއެސްއެމް"ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، 4000 ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓެއް އިއުލާންކުރާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި ވަގުތީ ލިސްޓު އިއުލާންކުރުމަށްފަހު އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

"ހުރިހާ ފޯމްތަކެއް ރީއިވެލުއޭޓް ކޮށްފައި އަޅުގަނޑުމެން ކުރިއަށް މިއޮތް ހަފުތާ ތެރޭގައި އިރާދަކުރެއްވިއްޔާ ވަގުތީ ލިސްޓެއް އިއުލާންކުރާނަން، ދެން ޝަކުވާގެ ފުރުސަތު ވެސް އަޅުގަނޑުމެން ހުޅުވާލާނަން،" ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން 4000 ފުލެޓް ހައްޤުވެރިފަރާތްތަކަށް ހަވާލުކުރާނެ ކަމަށެވެ.

"ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތު ވެސް ހުޅުވާލާފައި އެމަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފުލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،" ހައިދަރު ވިދާޅުވިއެެވެ.

އެ 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭ ތަންތަން ކަން ފާހަގަކޮށްލެވެއެވެ. ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެށި ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ފުލެޓު ދޫކުރުން ވަނީ މަޑުޖެހިފައެވެ. އޭގެފަހުން ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއަށް ހުއްދަދީފައެވެ. އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމުން ގިނަ ބަޔަކު ވަނީ ޝަކުވާ ހުށައަޅާފައެވެ.

ފްލެޓް ލިސްޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި ގިނަ އަދަދެއްގެ ޝަކުވާތައް ވެސް ބަލައި، ހިންގި ތަހުގީގަށް ފަހު، އެ ކޮމިޝަނުން ބުނެފައިވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތުހަމަނުވާ މީހުން ކަމަށެވެ. އާ ކޮމިޓީއެއް ހަދައި، ލިސްޓު މުރާޖައާކުރަން ފެށީ ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށް ސަރުކާރުން ބުނެއެވެ.

ކުރީގެ ސަރުކާރުން ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފަޔާއެކު "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލޭ ސިޓީ ކައުންސިލުން ވަނީ "ހައުސިން ކޮންސަލްޓެޓިވް" ކޮމިޓީ އެކުލަވާލައިފައެވެ. ފުލެޓް ލިސްޓް ރިވިއު ކުރަމުން އަންނަނީ އެ ކޮމިޓީންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން