ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ސަރުކާރުން ދަނީ ބަޖެޓު ފޮތުގައި އޮތް 2 ބިލިއަން ރުފިޔާ ދައްކައި މެންބަރުންނަށް އޮޅުވާލަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

2025 ވަނަ އަހަރަށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓުގެ ބަހުސްގައި މައުރޫފް މިއަދު ވިދާޅުވީ މަޖިލީހުގައި ހިމެނޭ ކޮންމެ ދާއިރާއެއްގެ ތަރައްގީއަށް ބަޖެޓުގައި 2 ބިލިއަން ރުފިޔާ ހިމަނައިފިނަމަ މުޅި ބަޖެޓް 100 ބިލިޔަނަށް އަރާނެ ކަމަށެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ ތަފްސީލެއް ނެތް ބަޖެޓެއްކަން ފާހަގަ ކުރަށްވަމުން މައުރޫފް ވިދާޅުވީ ބަޖެޓްގައި ކެންދޫ ދާއިރާއަށް އެއްވެސް ކަމެއް ކޮށްދޭން ހިމަނާފައި ނެތް ކަމަށެވެ. އަދި އެހެން އެކަން ވެފައިވަނީ އޭނާއަކީ ސަރުކާރުގެ ވިސްނުމަށް ތާޢީދު ނުކުރާ މެންބަރަކަށް ވުމުން ކަމަށް ވެދާނެ ކަމަށްވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދާއިރާގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދިވަޑައިގެންފިނަމަ އިސްތިއުފާ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް މައުރޫފް މިއަދު ވިދާޅުވިއެވެ. އަދި މި ބަޖެޓަކީ ފިކުރަށް ބަލައި ދާއިރާތައް ބިކަކޮށްލާނެ ބަޖެޓެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

“ބަޖެޓްގައި ޖަހާފައިވާ ދެ ބިިލިޔަން ރުފިޔާ ދައްކާފައި މި ބުނަނީ މިއޮތިއްޔެއްނޫންހޭ ތިޔަ މެންބަރުންގެ ދާއިރާއަށް ކަނޑައަޅާފައިވާ ފައިސާ.” މައުރޫފް މިއަދު ވިދާޅުވިއެވެ.

އޭގެއިތުރުން މައުރޫފް މިއަދު ވިދާޅުވީ އޭނާގެ ދާއިރާގައި ހުރި ކަންބޮޑުވުންތަކަށް ބަޖެޓުން އެހީތެރިކަން ހޯދައިދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

މައުރޫފް މިހެން ވިދާޅުވެފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުުފިޔާގެ ބަޖެޓުގެ ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށް ގެންދަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން