އާ ގަވައިދުގެ ދަށުން ޑޮލަރު މާރުކުރުމާ ގުޅޭ ގޮތުން ރިސޯޓު އޯނަރުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް އެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ޙާޒިރުކޮށްދޭން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު އެދިއްޖެ އެވެ.

އެމްއެމްއޭ އިން މިދިޔަ މަހު އާންމުކުރި އާ ގަވާއިދުގައިވާ ގޮތުން، ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ހޮޓާތަކާއިި އުޅަނދުތަކުން ކޮންމެ ފަތުރުވެރިއެއްގެ، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.

އެހެން ނަމަވެސް ބައެއް ރިސޯޓުތަކުން ވަނީ އެގޮތަށް ޑޮލަރު މާރުނުކުރާނެ ކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ހިންގަވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ވެސް ހިމެެނިވަޑައިގަންނަވަ އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލުޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވީ ޑޮލަރު މާރުކުރުމުގެ އާ ގަވާއިދަށް އަމަލުކުރަން ދަތިވާނެ ކަަމަށް 50އަށް ވުރެ ގިނަ ރިސޯޓުން މިހާތަނަށް އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވާ ކަން އެނގިފައިވާ ކަމަށެވެ.

އިބްރާހިމްގެ ސިޓީގައި އިތުރަށް ވިދާޅުވީ އުއްޗު ފަދަ ބޭފުޅުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު އޮތް ފެންވަރަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އެހެންކަމުން އެ ބޭފުޅުންގެ ކަންބޮޑުވުންތައް މަޖިލީހުން ބަލަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށެވެ.

އެހެންކަމުން އެމްއެމްއޭގެ ގަވާއިދާ ގުޅޭ ގޮތުން މިހާތަނަށް ކަން ހިނގާފައިވާ ގޮތް ބެލުމަށް ރިސޯޓު އޯނަރުންގެ ކަންބޮޑުވުންތައް ބެލުމަށްޓަކައި އެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމިޓީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އިބްރާހިމް އެދިވަޑައިގެންފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން