މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ގެދޮރުވެރިކަމަކީ އިޖްތިމާއީ ވަރަށް ބޮޑު ޙައްޤެއް ކަމަށާއި މިސަރުކާރުން މަސްވެރިންނަށް އެޙައްޤު ހޯދައިދޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އެގޮތުން މަސްވެރިންގެ ދަފްތަރެއް މިއަހަރުގެ ފެބްރުއަރީމަހު މި ސަރުކާރުން ތަޢާރަފް ކޮށްފައިވާ ކަމަށާއި، އެ ދަފްތަރުގައި 80 އިންސައްތަ މަސްދޯނި ރަޖިސްޓްރީ ވެފައިވާ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއްވެސް ލޯނު ސްކީމަކަށް މަސްވެރިން ޝަރުތު ހަމަނުވުމަކީ މަސްވެރިންގެ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ހުޅުވާލާފައިވާ ހައުސިންގ ލޯން ސްކީމްގެ ހުރިހާ ދާއިރާއަކުންވެސް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ މުޅި ބަޖެޓްގެ އަމާޒަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށާއި އެހެންކަމުން މަސްވެރިން މިފަދަ ޚާއްސަ އަހަރަކުން މަހުރޫމް ވާނަމަ އެއީ ޔަޤީނުންވެސް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ދެވޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

“މަސްވެރިންގެ ޤާނޫނުގެ 10 ވަނަ މާއްދާގައި އެބައޮވޭ މަސްވެރިންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެކަމަށް. ގެދޮރުވެރިކަމަކީ އިޖްތިމާއީ ވަރަށް ބޮޑު ހައްގެއް.” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން މިސަރުކާރުން އެޙައްޤު މަސްވެރިންނަށް ހޯދައިދޭނެ ކަމަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު މަސްވެރިންގެ ދަފްތަރުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް ހައުސިންގ ލޯނަށް ހުށައެޅޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ހައިދަރު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

"ހިޔާވަހި ފައިނޭންސް ސްކީމް" ގައި ތިން ކެޓަގަރީއެއް ހިމެނޭއިރު، ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް މިލިއަން ރުފިޔާގެ ލޯން ސްކީމަކާއި މާލެ ސަރަހައްދަށް ހަ މިލިއަން ރުފިޔާ އަދި އާބަން ސަރަހައްދުތަކަށް ތިން މިލިއަން ރުފިޔާގެ ލޯން މި ސްކީމްގެ ދަށުން ދޫކުރާ ގޮތަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން