ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ރައްޔިތުންނަށް މުހިންމީ ރަށްރަށުގައި ފަށާ މަޝްރޫޢުތައް ނިންމުން ކަމަށާއި އެހެންކަމުން ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ އެކަމުގެ ޙައްލު ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރަށްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ފަލާޙް ވަނީ ބަޖެޓުގައި ރަށްރަށުގައި ހިންގާނެ މަޝްރޫއުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ނުވާތީ އިދިކޮޅު މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން ފަލާޙް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭނެ ބަޖެޓް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ސަރުކާރުން ފަށާ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ސްޕީޑްގައި ނިންމުން ކަމަށް ފަލާޙް ވިދާޅުވިއެވެ.

“ބަޖެޓުގައި ޖެހިދާނެ ކުރިއަށް އޮތް 100 އަހަރު ކުރިއަށްގެންދާނެ މަޝްރޫއުތައްވެސް. މަޝްރޫއުތައް ފެށިވެސްދާނެ. ކޮންޓްރެކްޓަރަކަށް 10 މިލިޔަނުން ފެށޭ މަޝްރޫއަކަށް އެއް މިލިޔަން ރުފިޔާ ދީގެން ހުރިހާ މަޝްރޫއެއް ފެށިދާނެ. އެކަމަކު މުހިންމީ އެ މަޝްރޫއުތައް ފެށުންތޯ. ނުވަތަ ފަށާ މަޝްރޫއު ނިންމުންތޯ.” ފަލާހު ސުވާލު އުފެއްދެވިއެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ދަނީ ބަޖެޓު ފޮތުގައި އޮތް 2 ބިލިއަން ރުފިޔާ ދައްކައި މެންބަރުންނަށް އޮޅުވާލަމުން ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތު ކުރަމުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުުފިޔާގެ ބަޖެޓުގެ ބަހުސް މިއަދުގެ ނިޔަލަށް ނިންމުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން