ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓު ފޮތް
ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓު ފޮތް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ގިނަ ސަބްސިޑީތަކެއް ކަނޑާލާފައިވާއިރު އެކަމާމެދު ރައްޔިތުންނާ މަޝްވަރާކޮށްފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރަށްވަމުން މެންބަރު ކުޑޫ ވިދާޅުވީ ތެލުގެ ސަބްސިޑީފަދަ ގިނަ ސަބްސިޑީތައް ކަނޑާލުމުން އެކަމުގެ ސީދާ އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި އެއްވެސް ރޭވުމެއް ނެތި ކުއްލި ކުއްލިއަށް އިޖުތިމާޢީ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ބަދަލު ކުރުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާ ކުރަށްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ކުޑޫ ވިދާޅުވިއެވެ.

"ހަންމުށި އަޅާހެން ސިޔާސަތުތައް މި އަންނަނީ ބަދަލު ކުރަމުން." ކުޑޫ މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޑޫ މިއަދު ވިދާޅުވީ ތެލުގެ ސަބްސިޑީ އެއްކޮށް ކަނޑާލުމަށް ބަޖެޓުގައި ހިމަނާފައިވާއިރު، މަސްވެރިންގެ ތެލުގެ ސަބްސިޑީއަށް ވަނީ ކިހިނެއްތޯ މަސްވެރިންނަށް ކިޔައިދޭން ޖެހޭނެ ކަމަށެވެ.

"ވާން އުޅޭ ގޮތް އެބަޖެހޭ މަސްވެރިންނަށް ކިޔައިދޭން. ރައްޔިތުންގެ ސުވާލުގެ ކުރިމަތީ ސަރުކާރަށް ހަނު ނުތިބެވޭނެ." މެންބަރު ކުޑޫ މިއަދު ވިދާޅުވިއެވެ.

ކުޑޫ މިމޭރުމުން މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7.9 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓުގައި އެދާއިރާއިން 10.9 ބިލިއަން ކަނޑައަޅާފައި އޮތެވެ.

މި އަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ 433 މިލިއަން ރުފިޔާ އެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި އޮތީ 93 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދޭ އެހީގެ ގޮތުގައި 182 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ރާއްޖެއިން ކުރާ ބޭސް ފަރުވާއަށް ދޭ އެހީގެ ގޮތުގައި އޮތީ 144 މިލިއަން ރުފިޔާ އެވެ.

ހަމައެއާއެކު މަސްވެރިންނަށް ދޭ ސަބްސިޑީގެ ގޮތުގައި 210 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ނަރުދަމާ އާއި ޓްރާންސްޕޯޓާއި ޕްރީ ސްކޫލް ހިންގުމަށް ދޭ އެހީ ވެސް ވަނީ މަދުކޮށްފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން