މާލޭގެ މޭޔަރ އާދަމް އާޒިމް
މާލޭގެ މޭޔަރ އާދަމް އާޒިމް
މާލޭ ރައްޔިތުންގެ ހައްޤު ނިގުޅައިގަނެގެން ސަރުކާރަށް ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމު ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށްބުނެ ސަރުކާރުން ވަނީ އެލިސްޓު ޢާއްމުކުރުން މުހުލަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.

އެކަމާ ގުޅިގެން އާޒިމް މިއަދު ވިދާޅުވީ ބޯހިޔާވަހި ކަމަކީ އިންސާނާ ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ ހައްޤެއް ކަމަށާއި މިދިޔަ އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ހަމަޖައްސައިދީފައިވާ ފްލެޓުތަކާއި ކަނޑާދީފައިވާ ގޯތިތައް އަދިވެސް އޭގެ ހައްޤުވެރިންނާއި ހަވާލު ނުކުރާތީ ހިތާމަކުރާ ކަމަށެވެ. އަދި މިތަންތަން ރައްޔިތުންނާއި ހަވާލު ނުކުރުމަށް މިސަރުކާރުން އެކިއެކި އުޒުރުތައް ދަށްކަމުންދާ ކަމަށް އާޒިމް ތުހުމަތުކުރެއްވިއެވެ.

"މިހާރުގެ ސަރުކާރުން މިދަނީ މިކަން ނުކުރާންވެގެން، އެކިއެކި އުޒުރުތައް ދައްކަމުން." އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން އާޒިމް ވިދާޅުވީ ރައްޔިތުންނަށް ދީފައިވާ ފްލެޓާއި ގޯތިތައް އަވަހަށް އެފަރާތްތަކާއި ހަވާލު ކުރުމަކީ ސަރުކާރަށް ލާޒިމު ކަމެއްކަން މުޅި ޤައުމު ގަބޫލު ކުރާ ކަމަށެވެ.

"މާލޭ ރައްޔިތުންގެ ހައްޤު ނިގުޅައިގަނެގެން، ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ. ގޯއްޗާއި ފްލެޓް މާލޭގެ ރައްޔިތުންނަށް ހަވާލުކޮށް މިމަސައްކަތް މިއަހަރު ހުސްވުމުގެ ކުރިން ނިންމައި ދިނުމަށް ސަރުކާރަށް ގޮވާލަން." އާޒިމް ވިދާޅުވިއެވެ.



އާޒިމް މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރޭގައި ފޯމު ހުށަނާޅައި ހަމައެކަނި އައިޑީކާޑު ދައްކައިގެން ވެސް ފްލެޓު ލިބުނު މީހުން އެބަތިބިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މި ސަރުކާރުން ފްލެޓް ލިސްޓު ނެރުން ލަސްވަމުންދާތީ އިއްޔެ ބަޔަކު މީހުން ވަނީ ހައުސިން މިނިސްޓްރީއަށް ވަދެ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން