ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް
ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް
ކުރީ ސަރުކާރުން ވަނީ ކޮވިޑްގައި ލިބުނު 4 ބިލިއަން ރުފިޔާ ފެންފޮދަކާ ނުލާ ދިރުވާލާފައި ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރަށްވަމުން މެންބަރު އާޒިމް ވިދާޅުވީ މަޖިލީހުގެ ބައެއް އިދިކޮޅު މެންބަރުން ހަގީގަތާ ޚިލާފު ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މުހިންމު މާއްދާތައް ސަސްޕެންޑުކޮށްފައި އޮތްއޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ދަރަނި ނަގައިގެން ޑެފިސިޓް ފައިނޭންސް ކުރުން ހުއްޓުވާފައިވާކަންވެސް މެންބަރު ފާހަގަ ކުރެއްވިއެވެ.

ފައިސާ ޗާޕުކުރުމާއި ދަރަނި ފަހަށް ޖެއްސުމަކީ ދައުލަތް ހިންގުމަށް އެންމެ ފަސޭހަ މަގުކަމަށާއި ނަމަވެސް ފައިސާ ޗާޕުކުރުމެއް ނެތި ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓަކީ ރައްޔިތުންގެ ހައްގުގައި އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް އާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ކޮވިޑުގައި ރައްޔިތުން ގޭބަންދުގައި ބޭތިއްބުމަށްފަހު ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ހިންގި ބޮޑު ޖަރީމާގެ މަތީން ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ.

"ކޮވިޑުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު 4 ބިލިއަން ރުފިޔާއަށް ވީ ގޮތް ފެންނާކަށް ނެތް. މި ފައިސާ ވަނީ ފެންފޮދަކާ ނުލާ ދިރުވާލާފައި، ގާތް މީހުންނަށް ބަދަލު ދިނުމުގެ ނަމުގައި ކޮމިޓީތައް ހަދައިގެން ދައުލަތުގެ ހަޒާނާއިން އެއް ބިލިއަން ރުފިޔާ ކަހާ ހުސްކޮށްލީ އެ ސަރުކާރުން." އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުން އެންމެ ފާހަގަ ކޮށްލެވެނީ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވުން ކަމަށްވެސް އާޒިމް ވިދާޅުވެފައިވެއެވެ.

މެންބަރު އާޒިމް މިހެން ވިދާޅުވެފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ދާއިރާތަކަށް ކުރާނެ ޚަރަދުގެ ތަފްސީލް ނެތުމުން ބައެއް މެންބަރުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަށްވާފައެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން