ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް
ކުރީ ސަރުކާރުން ތަރައްޤީގެ އެއްވެސް މަޝްރޫޢެއް އެއްވެސް ރަށެއްގައި ހިންގާފައި ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރަށްވަމުން މެންބަރު މުޙައްމަދު ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ އަހަރު ތަރައްޤީގެ އެއްވެސް ކަމެއް ނުކުރާ ވާހަކަ ދެއްކި ނަމަވެސް އެއީ ޙަޤީޤަތް ނޫން ކަމަށެވެ.

އަދި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވިއިރު ޤައުމު އޮތީ ދަރަނިވެފައި ކަމަށާއި އެކަންކަން ޙައްލު ކުރެއްވުމަށް އެމަނިކުފާނު ކުރަށްވާ މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެކަން މުޙައްމަދު ފާހަގަ ކުރެއްވިއެވެ.

މުޙައްމަދު މިއަދު ވިދާޅުވީ ކުރީ ސަރުކާރުގެ ފަސްއަހަރު ތަރައްޤީގެ ނަމުގައި ކޮންމެވެސް ވަރެއްގެ މަރާމާތުތަކެއް ރަށްރަށުގައި ކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަރައްޤީގެ ބޮޑު މަޝްރޫޢެއް އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައި ނުވާކަމަށް މެންބަރު މުޙައްމަދު ވިދާޅުވިއެވެ.

އެއާ ޚިލާފަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓުގައި ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ޢަދަދުތައް ހިމަނާފައިވާ ކަމަށް މެންބަރު މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

"ވިލިމާލޭގެ ތަރައްޤީއަށްވެސް ވަރަށް ބޮޑެތި އަދަދުތަކެއް ބަޖެޓުގައި އެބަހުރި." މެންބަރު މުޙައްމަދު މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން މެންބަރު މުޙައްމަދު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން މި އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓަކީ ދަޢުލަތް ބަނގުރޫޓު ކޮށްލުމުގެ ހީލަތްތެރި ރޭވުމުގައި ހަދާފައިވާ ބަޖެޓެއް ކަމަށެވެ.

މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން