ފެނަކައަކީ ރާއްޖޭގެ 157 ރަށަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކަށް ވީހިނދު ހަަަމައެކަނި ފެނާއި ނަރުދަމާގެ ޚިދުމަތައް އެކަނި ބެލިކަމުގައި ވިޔަސް އެކުންފުނިން އަންނަނީ މިހާރުވެސް ރާއްޖޭގެ މީހުން ދިރިއުޅޭ 98 ރަށަކަށް އެ ޚިދުމަތް ފޯރުކޮށް ދެމުންނެވެ. އަދި ހަމަ އެއާއެކު މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ ޚިދުމަތްތައް ފުޅާކޮށް ރަށްޔިތުންނަށް އެދެވޭ ޚިދުމަތެއް ދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މިގޮތުން ފޯރުކޮށްދެމުން އަންނަ ފެނުގެ ޚިދުމަތަށް ބަލާލާއިރު، މި ވޭތުވެދިޔަ އެއްއަހަރު ތެރޭގައި މުޅިޔަކު 5 ރަށެއްގައި ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ދުވާލެއްގެ މައްޗައް 564 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ އާރް.އޯ ޕްލާންޓް ވަނީ ޤާއިމްކުރެވިފައެވެ.

އަދި ހަމަ އެއާއިއެކު މިވޭތުވެދިޔަ އެއްއަހަރު ތެރޭގައި ރައްރަށުގައި ޤާއިމްކޮށްފަވާ އައު ހައުސިންގ ޔުނިޓުތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން ނޮޅިވަރަންފަރު، ތުޅާދޫ އަދި ތިމަރަފުށީ ގައި މި މަސައްކަތް މިވަގުތު ވެސް ކުރިއަށް ދާއިރު މި މަސައްކަތް މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ވެސް އެކުންފުނިން ހާމަ ކުރެއެވެ.

އެކުންފުނިން ދެމުން ގެންދާ ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ދިނުމަށާއި އަދި ޚިދުމަތް ފުޅާކުރުމުގެގޮތުން ފާއިތުވި އެއްއަހަރު ތެރޭގައި އިތުރު 21 ރަށެއްގައި ފެނުގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. އަދި ހަމަ އެއާއެކު 4 ރަށެއްގައި ނަރުދަމާ ވަނީ އަލަށް ޤާއިމްކޮށްފައެވެ.



ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހަންމަދު ރަޝީދު ވިދާޅުވި ގޮތުގައި، ދަތިތަކާއި ގޮންޖެހުންތަކާއި އެކުގައި ވެސް ފެނަކައިގެ މިހާރުގެ މެނޭޖުމަންޓުގެ އަމާޒަކީ އެކުންފުންޏަކީ މުސްތަގްބަލުގައި ފައިދާވާ ރައްޔިތުންނައް އެދެވޭ ޚިދުމަތެއް ފޯރުކޮށްދެވޭ ކުންފުންޏަކަށް ވެގެން ދިޔުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން