ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހުގެ ބަހުސް ނިންމައި ބިލު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މިއަދުގެ ޖަލްސާގައިވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ، ބަހުސް ކުރިއަށް ގެންގޮސް ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސް ކޮށްފައެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި މި ބިލު ބަލައިގަތުމާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަށް މި ބިލް ފޮނުވީ އެވަގުތު ޖަލްސާގައި ތިއްބެވި 84 މެނބަރުންގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބިލް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއެވެ. މި ބިލުގެ ކޮމިޓީ މަރުޙަލާ 12:30 ގައި ފަށްޓަވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިއަދު ވަނީ އިޢުލާނު ކުރަށްވާފައެވެ.

ސަރުކާރުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ހަމައެއާއެކު އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި އެ ކަނޑާއި ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށްވެސް ސަރުކާރުން ހުށައެޅި އިސްލާޙުގައިވެއެވެ.

ޕާޓީ ބަދަލުކުރުމުން މެންބަރުކަމުގެ ގޮނޑިގެއްލޭގޮތަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެޤާނޫނުގައި ބަޔާންކޮށްފައިވާ ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ ހަތް ދުވަސް ތެރޭގައި އެ މެންބަރަކު ޖެހެނީ ޕާޓީން އަމިއްލައަށް އިސްތިއުފާ ދޭށެވެ.

ނަމަވެސް އިސްތިއުފާ ނުދީފިނަމަ އެ މެންބަރަކާމެދު އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެޤާނޫނުގެ ބައެއް މާއްދާތައް ބާތިލް ކުރަން އަމިއްލަ ފަރާތަކުން މިހާރު ކޯޓަށް ވެސް ވަނީ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން