މަޖިލީހުގެ ބައެއް މެންބަރުން
މަޖިލީހުގެ ބައެއް މެންބަރުން
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ޤާނޫނު އަސާސީއަށް މި އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބިލު ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

މި ވޯޓު ނަގާފައިވަނީ ވަކިވަކި މެންބަރުންގެ އަރިހުން އަނގަބަހުން ވޯޓަށް އަހައިގެންނެވެ. މިގޮތަށް ވޯޓަށް އަހާފައިވަނީ މަޖިލީހުގެ ވޯޓިން ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

މިބިލު މުޅި މަޖިލީހުގެ ތަޅުމުން ފާސްކުރަން މިއަދު ހަވީރު 05:30 ގައި ޖަލްސާއެއް ބާއްވާނެ އެވެ.

މިއަދުގެ ކޮމިޓީގައި ޤާނޫނު އަސާސީއަށް ބަދަލުތައް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށައެޅުއްވިއެވެ. ނަމަވެސް އެ ހުށަހެޅުން ބޭރުކުރީ 69 މެންބަރުންގެ ވޯޓުންނެވެ. މަޝްވަރާ ކުރަން ތާއީދު ކުރެއްވީ 11 މެންބަރުންނެވެ.

ޤާނޫނު އަސާސީއަށް މި އިސްލާހުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ސަރުކާރުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ހަމައެއާއެކު އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި އެ ކަނޑާއި ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށްވެސް ސަރުކާރުން ހުށައެޅި އިސްލާޙުގައިވެއެވެ.

އަދިހަމަ އެހެންމެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ އިސްލާހުކުރެވޭނީވެސް ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން