ހުނަރުވެރި 100 މަސައްކަތްތެރިން އުފެއްދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން ފަށައިފިއެވެ.

މި މަސައްކަތް ފަށާފައި ވަނީ އަންހެނުންގެ ކޮމިޓީއާއި ޕޮލިޓެކްނިކް ގުޅިގެންނެވެ.

ޕޮލިޓެކްނިކުގައި ބޭއްވި ޖަލްސާއެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ، މާލޭގެ މޭޔަރ އާދަމް އާޒިމެވެ.

މި ރަސްމިއްޔާތުގައި މޭޔަރ އާދަމް އާޒިމް ވިދާޅުވީ ހުނަރުވެރި މަސައްކަތްތެރިންގެ އެއް ގިންތިއަކީ "އެންޓަރޕްރިނިއަރސް" ޚިޔާލެއްގެ މައްޗަށް ވިޔަފާރިއެއް އުފަންކޮށް އެއިން ނަފާހޯދުން ކަމަށެވެ. އަދި މިފަދަ ފަރާތްތައް ދިވެހި ޒުވާނުންގެ ތެރެއިން މަދުން ނަމަވެސް ފެންނަމުންދާތީ އުފާކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ ހުނަރުވެރި މަސައްކަތްތެރިން އުފެދުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ސަރުކާރަށް ބަރޯސާނުވެ، އާމްދަނީ ހޯދާނެ މަގު ފަހިވެގެން ދިއުން ކަމަށެވެ. އެހެންކަމުން ހުނަރުވެރި މަސައްކަތްތެރިން އުފެދުމުން، އެ މީހުންގެ އެ ހުނަރު ބޭނުންކޮށްގެން އަމިއްލައަށް ވަޒީފާ އުފައްދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދު ފެށި، ހުނަރުވެރި މަސައްކަތްތެރިންގެ 100 މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި، ޖުމުލަ ހިމެނެނީ ކުރު މުއްދަތުގެ ހަ ކޯހެވެ. މީގެ ކޮންމެ ކޯހެއްގެ މުއްދަތަކީ ފަސް ދުވަހެވެ.

މި ކޯސްތަކުގެ ތެރޭގައި ހިމެނޭނީ ދިގު ހެދުމާއި ދިވެހި ލިބާސް ފެހުމާއި ކަސަބު ބޯވަޅު ލިބާހުގައި އަޅާ ހިރުގެތުމާއި އަތްތެރި މަސައްކަތުގެ ތެރޭގައި ހިމެނޭ ލަކުޑީގައި ބިންވަޅުކަނޑައިނެގުމާއި ކަރަންޓު މަސައްކަތާއި އެއަރ ކޮންޑިޝަނާއި ރެފްރިޖްރޭޝަންގެ މަސައްކަތެވެ. މި ދެންނެވި ކޮންމެ ހުނަރަކީ ވެސް، މި މުޖުތަމައަށް ނުހަނު ބޭނުންތެރި އަދި އެ މަސައްކަތުގެ ހުނަރުވެރިންނަށް ނުހަނު ބޮޑު އާމްދަނީ ހޯދޭނެ މަސައްކަތްކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން