ފުއާދު ތައުފީޤު
ފުއާދު ތައުފީޤު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މަގާމުގެ ދައުރު މިއަދަށް ހަމަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފުއާދު މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އޭނާ އިލެކްޝަންސް ކޮމިޝަންގައި ހޭދަކުރެއްވި މުއްދަތުގައި މަސައްކަތަށް އެއްބާރުލުން ދެއްވައި އިތުބާރު ކުރެއްވި ހުރިހާ ފަރާތްތަކަށާއި ސިޔާސީ ޕާޓީތަކަށާއި މުއައްސަސާތަކަށް ޝުކުރު އަދާކުރަށްވާ ކަމަށެވެ.

ފުއާދު ވަނީ ދެފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމު އަދާކުރަށްވާފައެވެ. އެގޮތުން 2008 ވަނަ އަހަރު އެކުލަވާލި އިންތިޤާލީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭނާ އަދާކުރެއްވިއެވެ.

އަދި 2009 ވަނަ އަހަރު ދާއިމީ އީސީގެ ރައީސްގެ މަޤާމަށް ޢައްޔަނުވުމަށްފަހު 2014 ވަނަ އަހަރުގެ މާރޗް މަހު ސުޕްރީމް ކޯޓުން ފުއާދުގެ މައްޗަށް ސޫމޯޓޯ މައްސަލައެއް ބަލައި މަޤާމުން ދުރުކުރުމާ ހަމައަށް އެ މަޤާމުގައި ދެމިހުންނެވިއެވެ.

އެފަހަރު ސުޕްރީމް ކޯޓުން ވަނީ ފުއާދަށް 6 މަސްދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފައެވެ.

އޭގެފަހުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އަލުން ފުއާދު އައްޔަން ކުރީ 24 ނޮވެމްބަރު 2019ގައެވެ. އަދި ސެޕްޓެމްބަރ 2021 ގައި އަލުން އޭނާ ވަނީ އީސީގެ ރައީސްގެ މަޤާމަށް އައްޔަނު ކޮށްފައެވެ.



އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން މިއަދު ދައުރު ހަމަވުމާއެކު އީސީގައި ފުއާދުގެ ދައުރު ނިމުމަކަށް އަންނާނެއެވެ.

ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ބަލާއިރު ފުއާދަކީ ޢާއްމުންގެ މެދުގައި ވަރަށް މަޤުބޫލު ޝަޚުސިއްޔަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން