ހުޅުމާލެ ޖަލުގައި ހުރި ގައިދީންނާއި ބަންދުމީހުން އާއިލާއާ ބައްދަލުކުރާ ގެ ތަރައްޤީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ގެ ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲއާއި ހުޅުމާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި އެޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބުނީ މީގެ ކުރިން ހުޅުމާލެ ޖަލުގައި އާއިލީ ބައްދުލުވުމަށް ކަނޑައަޅާފައިވާ ތަނަކީ ފަހަރަކު އާއިލާއަކަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމަށެވެ. ނަމަވެސް މިހާރު ތަރައްގީކޮށް ހުޅުވި ތަނުގައި ފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްސީއެސްއިން ބުނެއެވެ.

ގައިދީންނާ ބައްދަލުކުރަން ޖަލަށް އަންނަ އާއިލާގެ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ޚާއްޞަ ކިޑްސް ކޯނަރެއްގެ އިތުރުން ބައްދަލުކުރާ ގެއާ އިންވެގެން ވެއިޓިންގ ރޫމެއް ވެސް ގާއިމްކޮށްފައިވެއެވެ. މި ވެއިޓިންގ ރޫމް ބޭނުންކުރާނީ އާއިލާއިން ބައްދަލުކުރުމަށް ހާޟިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށްކަމަށް އެމްސީއެސްއިން ވަނީ ބުނެފައެވެ.

މި ބައްދަލުކުރާ ގޭގެ ސަބަބުން، ގައިދީންނަށާއި ބަންދު މީހުންނަށް ފޯރުކޮށްދެވޭ އާއިލީ ބައްދަލުވުމުގެ އަދަދު އިތުރުވެގެންދާނެކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން