ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓު ފޮތް
ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓު ފޮތް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 56.6 ބިލިޔަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން ހުށަހެޅިގޮތަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފައިވަނީ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސްކުރުމަށްފަހު، 70 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން އެދާއިރާއިން 4.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ސަރުކާރުން ހުށަހެޅިގޮތަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައިވާއިރު ބަޖެޓު ކޮމެޓީން ވަނީ 2025 ވަނަ އަހަރު ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލު މަޖިލީހަށް ހިއްސާކުރަން ޖެހޭގޮތަށް ޝަރުތުކޮށްފައެވެ.

ނަމަވެސް ބަޖެޓު ކޮމިޓީގެ ރިޕޯޓަށް މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް މިއަދު އިސްލާޙެއް ހުށައެޅުއްވިއެވެ. އެގޮތުން ޖެނެރަލް ރިކޮމެންޑޭޝަންތައް އުނިކުރަން ހުށައެޅުއްވުމުން އެ އިސްލާހު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ބަލައިނުގަތުމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން