މެމްބަރު މީކާއީލް---
މެމްބަރު މީކާއީލް---
އެންސްޕާ އޮފީހުގައި ޓީވީ ހިންގާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަަލަ ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

ނަމަވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާ ކަމަށެވެ.

މީކާއިލް އެ މައްސަލަ ހުށަހެޅުއްވީ އެންސްޕާ އޮފީސް ހިންގަން އިމާރާތެއް ހޯދަން ބީލަމަށް ހުޅުވާލުމުން ހަތަރު ފްލޯ ކުއްޔަށް ދޭ ގޮތަށް އެކަމަށް ބީލަން ހުށައެޅި ހަމައެކަނި ކުންފުނި ކަނަށްވާ، މޯލްޑިވްސް މީޑިއާ ހައުސްއަށް އެފުރުސަރު ދިން މައްސަލައާ ގުޅިގެން ނެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނީ މޯލްޑިވްސް މީޑިއާ ހައުސްއަށް އެ ބީލަން ދިނީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެއްފަހަރާ ފައިސާ ދިނުމަށް ފަހު ކަމަށެވެ.

ނަމަވެސް ހަތަރު ފްލޯ އެންސްޕާގެ ބޭނުމަށް ހިފުމަށް ފަހުވެސް ދެ ފްލޯ މީޑިއާ ހައުސްއިން ދާދި ފަހުން ފެށި އެމްއެމްޓީވީން ކުއްޔަކާ ނުލާ ހިންގަން ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މީކައިލް ހުށަހެޅުއްވި މައްސަލައިގައި ބުނީ އެ ތުހުމަތުތަކުގައި ހަގީގަތެއް އޮތްނަމަ އެންސްޕާ ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދައިގެ ބައެއް އެމްއެމްޓިވީއަށް ހޭދަކުރެވެނީ ކަމަށެވެ.

އަދި މިއީ އެންސްޕާއާ ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތާވެސް ފުށުއަރައި ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުމަކަށް އަތުވެދާނެ ކަަމަކަށް ވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން އެ މައްސަލަ ހުށަހެޅީކަމަށް ހުށައެޅުމުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން