ބުޅާ ފެސިލިޓީ
ބުޅާ ފެސިލިޓީ
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބުޅާ ގެންގުޅެން ހެދި އޮޅުހިޔާ އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފިއެވެ.

މާލޭގައި އުޅޭ ބުޅާތައް އެތަނަށް ގެންދިއުމުގެ މަސައްކަތް ފަށަން މާލޭ ސިޓީ ކައުންސިލުން އޮތީ ޕްލޭންކޮށްފައެވެ.

އެހެން ނަމަވެސް އެތަނުގައި ފުރިހަމަވާންޖެހޭ ގިނަ ކަންތައްތަކެއް ނުނިމި ހުރި ކަމަށާއި، އެސްއޯޕީތަކަށް ރިއާޔަތްނުކޮށް އެތަނަށް ބުޅާތައް ގެންދަން ފަށައިފި ނަމަ ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން އޮތީ ބުނެފައެވެ.

އަދި އެކަމާ ގުޅިގެން ބުޅާތައް އެ ފެސިލިޓީއަށް ގެންދިއުން މަޑުޖައްސާލައިފައި ވަނިކޮށް ހަމަ އިއްޔެ ސަރުކާރުން ވަނީ އެ ފެސިލިޓީ އެގްރިކަލްޗަރ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމިކަން ސިޓީ ކައުންސިލަށް އަންގާފައެވެ.

އެހެންވެ މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް ވަނީ ގޮތެއް ނިންމާފައެވެ.

އެ މައްސަލައިގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުށަހެޅުއްވީ މާލޭ ސިޓީ ކައުންސިލުން ބުޅާ ގެންގުޅެން ހެދި ތަނުގެ ކަންކަމަށް ކުރި ހަރަދު އަނބުރައި ލިބޭ ގޮތަށް އެތަން އެގްރިކަލްޗަރ މިނިސްޓްރީއާ ހަވާލުކުރުމަށެވެ.

އަދި ކައުންސިލްގެ ހުރިހާ މެންބަރުންގެ ވޯޓުން އެ ނިންމުން ވަނީ ފާސްކޮށްފައެވެ.

ބުޅާ ގެންގުޅޭނެ ތަނެއް ހެދުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެއްކެވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައެވެ. އެހެން ނަމަވެސް ދިމާވި އެކި ގޮންޖެހުންތަކާއެކު އެ މަސައްކަތް ނިންމީ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ މޭޔަރުކަމުގައެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު އޮޅުހިޔަލުގައި ނަމުގައި ބުޅާ ގެންގުޅެން ހެދި ތަން ހުޅުވައިދެއްވީ ވެސް ރައީސް މުއިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން