ފެނަކަ އެމްޑީ މުއާޒް--
ފެނަކަ އެމްޑީ މުއާޒް--
ހައްލުތަކާއެކު 2027 އަންނައިރު ހުރިހާ ދަރަންޏެއް ފިލުވާލެވޭނެކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ،

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެމްޑީ މުއާޒް ވިދާޅުވީ މިހާރު ވެސް ކޮންމެހެން ވެސް ކުރަން ޖެހޭ ހަރަދުތަކެއް އެބަހުރި ކަމަށާއި އެގޮތުން ލޯނުތަކަށް އެކަނި ކޮންމެ މަހަކު 30 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

އެގޮތުން ނިމިގެން ދިޔަ ސަރުކާރުގައި 400 މިލިއަން ރުފިޔާ މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް އޮތީ ނަގާފައި ކަމަށް އެމްޑީ ވިދާޅުވި އެވެ. އޭގެ އިތުރުން އެހެން ފަރާތްތަކުން ވެސް ބޮޑެތި ލޯންތައް އޮތީ ނަގައިފައި ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެގޮތުން މި އަހަރު އެކަނިވެސް 302 މިލިއަން ރުފިޔާ ލޯނުތަކަށް ދައްކާފައިވާ ކަމަށް އެމްޑީ ވިދާޅުވި އެވެ.

ލޯނުތަކުގެ މައްސަލަ ބޮޑުކަމުން ބައެއް ލޯނުތައް ދެއްކުން މިވަގުތު މެދުކަނޑާލުމާއެކު ބައެއް ލޯނުތައް ރީސްޓްރަކްޗާކުރުމަށް ވެސް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށް އެމްޑީ ވިދާޅުވިޮ އެވެ.

މުއާޒް ފާހަގަކުރެއްވި ގޮތުގައި އެ ކުންފުންޏަށް މަހަކު 213 މިލިއަން ރުފިޔާ ލިބުނަސް އިތުރަށް 85 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭކަމަށެވެ.

އެގޮތުން ނަރުދަމާ ސަބްސިޑީގެ ގޮތުގައި މިހާރުވެސް 11.3 މިލިއަން ރުފިޔާ ލިބުނަސް އެކަމަށް އެެކަނިވެސް 35 މިލިއަން ހަރަދުކުރަން ޖެހޭތީ ގެއްލުންވާ ފައިސާ ސަބްސިޑީގެ ގޮތުގައި ލިބިއްޖެނަމަ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

އޭގެ އިތުރުން ޓެރިފް ޑިފަރެންސްގެ ގޮތުގައި މިހާރު ނަގާފައި އޮތް 619 މިލިއަން ރުފިޔާއަށް ކަނޑަމުންދާ 13 މިލިއަން ރުފިޔާ ކެނޑުން ހުއްޓާލުމުން އެސްޓީއޯގެ ތެޔޮ ބިލުތަކަށް ފައިސާ ދެއްކޭނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދެންނެވި ހައްލުތަކާއެކު 2027 އަންނައިރުގައި އަޅުގަނޑުމެންނަށް މިހާރު ހުރި ހުރިހާ ދަރަންޏެއް ފިލުވާލެވޭނެ" އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން