އާސަންދަ ފޯރުކޮށްދޭން ދުބާއީގެ ހޮސްޕިޓަލަކާއެކު ސޮއިކުރުން--
އާސަންދަ ފޯރުކޮށްދޭން ދުބާއީގެ ހޮސްޕިޓަލަކާއެކު ސޮއިކުރުން--
ދެ ގައުމެއްގެ ހޮސްޕިޓަލުތަކަކުން އާސަންދަ ފޯރުކޮށްދޭން ސޮއިކޮށްފި އެވެ.

އާސަންދަ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާސަންދަ ދޭން ސޮއިކުރީ ޔޫއޭއީއާއި ތައިލެންޑްގެ ހޮސްޕިޓަލުތަކުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ތައިލެންޑްގެ ދެ ހޮސްޕިޓަލެއް ކަމަށްވާ ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލުގެ އިތުރުން އަބޫދާބީގައި ހުންނަ ބުރްޖީލް މެޑިކަލް ސިޓީ ހޮސްޕިޓަލުން ނެވެ.

އެ އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް އާސަންދައިން ހާމައެއް ނުކުރެ އެވެ. އަދި އެކަމާ ގުޅޭ ބަހެއް ވެސް އާސަންދަ ކުންފުންޏަކުން އަދި ނުލިބެ އެވެ.

ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްދޭ ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ކުރީކޮޅު އޮތީ ވިދާޅުވެފަ އެވެ. އެގޮތުން ތައިލެންޑާއި ޔޫއޭއީން އާސަންދަ ހަމަޖައްްސަވާނެ ކަމަށް އޭރު ރައީސް ވިދާޅުވި އެވެ.

ތައިލެންޑަކީ ދިވެހިން ސިއްހީ ފަރުވާ ހޯދަން ދާ ގައުމެކެވެ. އެހެން ނަމަވެސް މި ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު އެ ގައުމުގެ ހޮސްޕިޓަލުތަކުގެ އަގުތައް މައްޗެވެ.

އާސަންދަ ކުންފުނިން މިހާރުވެސް ދަނީ އިންޑިއާއާއި ލަންކާގެ ބައެއް ހޮސްޕިޓަލުތަކުން އާސަންދަ ފޯރުކޮށްދެމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން