އަރުޙަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުން
އަރުޙަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުން
2012 ވަނަ އަހަރުގެ މެއިމަހުގެ 30 ވަނަ ދުވަހުގެރޭ ލޮރެންޒޯ ޕާކުތެރޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ހއ.ހޯރަފުށީ ނޫރީގެ، ޢުމުރުން 16 އަހަރުގެ މުޙައްމަދު އަރްހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި 3 މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި އަލުން ފަށައިފިއެވެ.

އަރުޙަމް މަރާލި މައްސަލާގައި ދަޢުލަތުން 4 މީހެއްގެ މައްޗަށް ދަޢުވާ އުފުލި ނަމަވެސް ކުށް ސާބިތުވެފައިވަނީ ހަމައެކަނި ލ. މާވަށު އެވަރބްލޫ މުޙައްމަދު ވިސާމްގެ މައްޗަށެވެ. އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މިމައްސަލައިގައި ދައުލަތުން ލ. މާވަށު އަސަރީގޭ މަންސޫރު ޔޫސުފާއި، ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށް ދައުވާ އުފުލިނަމަވެސް، މި ތިން މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާވަރަށް ޝަރީޢަތަށް ހެކި ހުށައެޅިފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން ދަޢުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކުރުމުން ކުށް ސާބިތުނުވި 3 މީހުންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.

އެކަމާގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވީ ދަޢުވާލިބޭ އާތިފް ރަޝީދު އެކަންޏެވެ. އަދި މައްސަލަ ބައްލަވާ ޤާޟީ އިބްރާހިމް ޒިހުނީ ވަނީ އާތިފަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދީފައެވެ.

މިއަދުގެ އަޑުއެހުމަށް އޮންލައިންކޮށް މަންސޫރު ހާޒިރުކުރަން މަސަައްކަތްކުރި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން އޭނާ ޙާޟިރު ކުރެވިފައެއް ނުވެއެވެ. އަދި ސުފްޔާނަށް ހާޒިރުނުވެވުނީ ބަލިވެ އުޅޭތީ ކަމަށް ޤާޟީ ވިދާޅުވިއެވެ.

އަރުޙަމްގެ މަރުގެ މައްސަލާގައި، ދައުލަތުން މިމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވިސާމާއި މަންސޫރާއި ސުފުޔާން ލޮރެންޒޯ ޕާކްތެރެއަށްވަދެ އަރުހަމާމެދު މާރާމާރީ ހިންގުމުން އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އެއަށްފަހު އެތިން މީހުން އާތިފާއެކު ފިލައިގެން ގޮސްފައިވާކަމަށެވެ.

މި މާރާމާރީގައި މަރުވެފައިވާ އަރުހަމްއަކީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ޙާޞިލްކުރަމުންދިޔަ ދަރިވަރެކެވެ.

ލޮރެންޒޯ ޕާކުތެރޭގައ މުޙައްމަދު އަރުޙަމް މަރުވެފައި އޮއްވައި ފުރަތަމަ ފެނިފައިވަނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށެވެ. އޭނާ އައި.ޖީ.އެމް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވުނުއިރު ނިޔާވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރުންނާ ޙަވާލާދީ ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އޭނާގެ ހަށިގަނޑުގެ 6 ތަނަކަށް ތޫނު ހަތިޔާރުން ހަމަލާދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން