އާރްއެސްޑަބްލިޔު ސިސްޓަމް
އާރްއެސްޑަބްލިޔު ސިސްޓަމް
އޮޑިފަހަރުގައި ލޮނުފެން ފިނިކުރާ ނިޒާމް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމް (އާރްއެސްޑަބްލިޔު) ނުވަތަ ލޮނުފެނުން ފިނިކުރާ ނިޒާމް (ރެފްރިޖެރެޓެޑް ސީވޯޓާ) ރާއްޖެއަށް އަލަށް ތައާރަފްކޮށްފައި ވަނީ ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ މަތިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ އާއި ޔަންމާގެ ބައިވެރިވުމާ އެކުއެވެ.

އެމްޓީސީސީން މިއަދު ބުނީ މި ސިސްޓަމް އޮޑި ދޯނިފަހަރުގައި ޤާއިމުކުރުމަށްޓަކައި މަސްވެރިންނަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައި ވަނީ މަސްވެރިކަމާބެހޭ ވުޒާރާގެ ގްރާންޓް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

އެގޮތުން ޔަންމާއިން އުފައްދާފައިވާ އާރްއެސްޑަބްލިޔު ނިޒާމުގައި އިންޖީނަކާއި ޖަނަރޭޓަރެއްގެ އިތުރުން މިނިޒާމުގައި ހިމެނޭ ލޮނުފެނުން ފިނިކުރާ އާ އިޖާދީ ޓެކްނޮލޮޖީގެ ސަބަބުން ވަރަށް އަވަހަށް މަސްފިނިކޮށްދީ ފިނި ހިފަހައްޓައިދޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި މި ނިޒާމް ފަރުވާކޮށްފައިވަނީ ދެމެހެއްޓެނިވި އިތުބާރުހުރި ފެންވަރު ރަނގަޅު ހައްލެއް މަސްވެރިންނަށް ހޯދައިދިނުމުގެ ގޮތުން ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ މި ނިޒާމްގެ ސަބަބުން ކުޑަ ހަކަތައެއް ބޭނުންކޮށްގެން މަސްވެރިން ބާނާ މަސް ތާޒާކޮށް ކޮލިޓީ ދަށްނުވާނެހެން ބެހެއްޓުމަށް މަގުފަހި ކޮށްދޭނެ ކަމަށެވެ. އަދި މިނިޒާމް ފަރުމާ ކޮށްފައިވާ ގޮތުން ހިންގުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވެ މަސްވެރިންނަށް މަހުގެ ހަމައަގު ލިބި އާމްދަނީ އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އޭގެއިތުރުން މި ނިޒާމަކީ ފަސޭހައިން ކޮންޓްރޯލް ކުރެވޭ ގޮތަށް ޖާގައިގެ ގޮތުން ދަތި ދޯނިތަކުގައިވެސް ބޭނުން ކުރުމަށް އެކަށީގެންވާ ގޮތަށް ފަރުވާކުރެވިފައިވާ ނިޒާމެއްކަން އެމްޓީސީސީން ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު އެމްޓީސީސީން ބުނީ އާރްއެސްޑަބްލިޔު ނިޒާމުގައި ފިނިކުރުމަށް ބޭނުންކުރާ އާރްސެވަންފޯފޯ ރެފްރިޖަރަންޓްއަކީ ސީއޯޓޫ ރެފްރިޖަރަންޓްގެ ގޮތުގައި ބޭނުންކުރާ ރެފްރިޖަރަންޓްގެ ތެރެއިން ތިމާވެށްޓާ އެންމެ ރަށްޓެހި އެއް ރެފްރިޖެރަންޓް ކަމަށެވެ.

އެހެންކަމުން މި ނިޒާމުގެ ސަބަބުން މަސް ފިނިކޮށް ބެހެއްޓުމުގެ ގާބިލްކަމާއި ފެންވަރު އިތުރުވެގެންދާއިރު، މިފަދަ ނިޒާމެއް ބޭނުންކުރުމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރެވިގެން ދިޔުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަންވެސް އެމްޓީސީސީން ފާހަގަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން