އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
މާޅޮހު ކައުންސިލުން ބައިމިލިއަނެއްހާ ރުފިޔާ ގެއްލުނު މައްސަލައެއް އޮޑިޓަރ ޖެނެރަލް އޮފީހުން ފެންމަތި ކޮށްފިއެވެ.

އެގޮތުން މާޅޮހު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައިވަނީ މާޅޮހު ކައުންސިލްގެ ބޭންކް އެކައުންޓު ތަކުންނާއި ތިޖޫރީން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ނެގި ފައިސާގެ ތެރެއިން 492،867 ރުފިޔާ ޚަރަދު ކުރިގޮތް އެނގެން ނެތް ކަމަށެވެ. އަދި މާޅޮހު ކައުންސިލް އިދާރާއިން އެ މުއްދަތުގައި ކުރި ހަރަދުތަކުގެ ތެރެއިން ޕޭމަންޓު ވައުޗާ ތައްޔާރުނުކޮށް ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޭގެއިތުރުން ޕޭމަންޓު ވައުޗާ ތައްޔާރު ކޮށްފައި ވީނަމަވެސް، ޕޭމަންޓް ވައުޗަރާއެކު ހިމަނަންޖެހޭ ލިޔެކިޔުންތައް ހަމަނުކޮށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ. އަދި ޕޭމަންޓު ވައުޗަރާއެކު ހިމަނަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމަކޮށް ފުރިހަމަކޮށްފައިވަނީ 141،825 ރުފިޔާ ހަރަދުކުރި 24 މުއާމަލާތެއްގައިކަން އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

މާޅޮހު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ކައުންސިލުން ގެއްލުނު ކަމަށް ބުނާ ފައިސާގެ ތަފްސީލުތައްވެސް ހިމަނާފައިވެއެވެ. އެގޮތުން ކައުންސިލްގެ އެކައުންޓުން ނެގި ފައިސާގެ ތެރެއިން ތިޖޫރީއަށް ނުވައްދާ 255،584 ރުފިޔާއާއި ކައުންސިލް އިދާރާގެ އެކިބޭނުންތަކަށް ކަމަށްބުނެ އޮޅުވާލައިގެން އެކައުންޓުން ނެގި 112،500 ރުފިޔާ ހިމެނެއެވެ.

އޭގެއިތުރުން މުވައްޒަފުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ވަރަށްވުރެ އިތުރަށް ތިޖޫރީ އާއި ބޭންކު އެކައުންޓުން ނެގި 82،579 ރުފިޔާ އާއި ނަގުދު ފައިސާގެ ތެރެއިން ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރަން ނެގި ފައިސާގެ ތެރެއިން 42،204 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވަނީ މާޅޮހު ކައުންސިލްގެ ތިޖޫރި އާއި ބޭންކް އެކައުންޓުތަކުން ނަގާ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވަނީ ކައުންސިލްގެ އިސްވެރިންގެ ސޮއި އަމިއްލައަށް ކޮށްގެން ކަމަށް އެ ކައުންސިލްގައި މާލީ ކަންތައްތައް ބަލަހައްޓަމުން ދިޔަ އޭރުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލްވަނީ އަންގަވާފައެވެ.

ހަމައެއާއެކު ފައިސާގެ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ އިދާރީ ހިންގުން ހަރުދަނާ ކުރަން އިސްލާހީ ފިޔަވަޅު އަޅާފައި ނުވުމާއި އެކަމުގައި ކައުންސިލް އިސްވެރިންގެ ޒިންމާތައް އަދާކޮށްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން