ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން (މ)
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން (މ)
ވިސާނެތި 12 އަހަރު ރާއްޖޭގައި އުޅުނު ފްރާންސް އާއިލާއަށް ޓްރެވަލް ޑޮކިއުމަންޓް ލިބުމުން ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން މިރޭ ވިދާޅުވެއްޖެއެވެ.

ޝައްމާން މިހެން ވިދާޅުވީ ތ. ވޭމަންޑޫގައި ދިރިއުޅެމުން އަންނަ ފްރާންސްގެ މުސްލިމް ޢާއިލާއެއްގެ ވާހަކަ ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޓޫރިސްޓު ވީޒާގައި ރާއްޖެއަށް އައި 6 މެންބަރުގެ މައްޗަށް އެކުލެވޭ އެޢާއިލާ މީގެ ކުރިން ގދ. ތިނަދޫ އާއި ހައްދުންމަތީގެ ރަށްތަކުގައާއި ތ. ތިމަރަފުށީގައިވެސް ދިރިއުޅެފައިވާ ކަމަށް ވެއެވެ.

އެ ޢާއިލާގެ ޓޫރިސްޓް ވީޒާ ހަމަވުމުން ރާއްޖޭގައި އުޅެމުންދަނީ ޤާނޫނާ ޚިލާފަށެވެ. ޢާއިލާގެ އިސް ފިރިހެންމީހާ މަސްވެރިކަން ކޮށްގެން ޢާމްދަނީ ހޯދާއިރު ދޮށްޓަށް ހުންނަ 16 އަހަރުގެ ފިރިހެން ކުއްޖާވެސް އެރަށު ދޯންޏަކުން ދަނީ މަހަށެވެ. ކެއްކުމަށް ބޭނުންވާ އެއްޗެހި ހޯދަން އަންހެންމީހާ ދަނީ ވަލަށެވެ. އަދި އެމީހުންގެ ދަރިން ސްކޫލްތަކަށް ނުފޮނުވާއިރު ދަޢުލަތުގެ ބޭސްފަރުވާގެ ޚިދުމަތްވެސް އެމީހުންނަކަށް ނުލިބެއެވެ.

މި މައްސަލާގައި އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން ވިދާޅުވީ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ ޢާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު އިމިގްރޭޝަން ވޮޗަށް ލިބިފައިވަނީ 18 ޖުލައި 2024 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ އެ އިދާރާއިން ބެލުމަށްފަހު 2024 އޮކްޓޫބަރު 23 ވަނަ ދުވަހު ޢާއިލާގެ އިސްފަރާތް އެ އިދާރާއަށް ހާޒިރު ކޮށްފައިވާ ކަމަށްވެސް ޝައްމާން ވިދާޅުވެފައިވެއެވެ.

“އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، މި ޢާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ގުޅިގެން މި އިދާރާއިން ކުރަމުންދާ ކަމުގައި ދަންނަވަން. މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފަ.” ޝައްމާން ވިދާޅުވިއެވެ.



އޭގެ އިތުރުން ޝައްމާން ވިދާޅުވީ އެޢާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުމުން އެ މީހުން ފުރުވާލުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިފަރާތްތައް ވަކި ގައުމަކަށް ފުރުމަށް އިމިގްރޭޝަނުން ނާންގާނެ ކަމަށްވެސް ޝައްމާން ވަނީ ވިދާޅުވެފައެވެ.

“އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ.” ޝައްމާން ވިދާޅުވިއެވެ.

ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ މިޢާއިލާ ވަކި ގައުމަކަށް ދިއުމަށް އިމިގްރޭޝަނުން ނާންގާނެ ކަމަށް ޝައްމާން ވިދާޅުވެފައިވާއިރު އެޢާއިލާގެ އަންހެން ކުއްޖަކާ ޙަވާލާދީ ރާއްޖޭގެ މީޑިއާގައި ބުނެފައިވަނީ އެޢާއިލާއިން ފްރާންސަށް އެނބުރި ދާން ބޭނުން ނުވާ ކަމަށާއި އެޤައުމަށް ހިނގައްޖެ ނަމަ ދާން ޖެހޭނީ ޖަލަށް ކަމަށެވެ.

އޭގެއިތުރުން އެ ފިރިހެން މީހާއަކީ ފްރާންސްގައި ކުރިން ގޭންގެއްގައި އުޅުނު މީހެއް ކަމަށް، އޭނާ އަމިއްލައަށް ވޭމަންޑޫގެ ބައެއް މީހުން ކައިރީގައި ބުނެފައިވާ ކަމަށްވެސް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން