ރޭ ކުރި އިހުތިޖާޖުގެ ތެރެއިން
ރޭ ކުރި އިހުތިޖާޖުގެ ތެރެއިން
ރާއްޖޭގައި ވިސާ ނެތި ދިރިއުޅޭ ފްރާންސްގެ އާއިލާ ފޮނުވާލުމާ ދެކޮޅަށް ސުލްހަވެރި އިހުތިޖާޖެއް ކޮށްފި އެވެ.

އަނިޔާލިބެމުންދާ މުސްލިމުންގެ ހައްގުގައި މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާ ޔޫތު ފޯ ޔުނިޓީއިން އިންތިޒާމުކުރި އެ އިހުތިޖާޖުތައް ކުރިއަށް ގެންދިޔައީ ރޭ އާޓިފިޝަލް ބީޗުގަ އެވެ.

ހަ މީހުންގެ އެ އާއިލާ ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުންދާތާ 12 އަހަރު ވެފައިވާ އިރު ދެ ކުއްޖަކު އުފަންވީވެސް ރާއްޖޭގަ އެވެ.

އިމިގްރޭޝަނުން ބުނީ އެ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަަމވެފައިވާތީ މިހާރު މަސައްކަތް ކުރަމުންދަނީ ޓްރެވަލް ޑޮކިއުމަންޓްތައް ހޯދުމަށް ކަމަށެވެ. އަދި އެލިޔުންތައް ލިބުނުހާ އަވަހަކަށް އެމީހުން ފޮނުވާލާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ރޭ އިހުތިޖާޖުކުރި މީހުން ވަނީ އެ އާއިލަ ފޮނުވާލުމާ ދެކޮޅުކަން ހާމަކޮށް ބެނާތައް ހިފައިގެން ޝުއޫރު ފާޅުކޮށްފަ އެވެ.

އޭގެން އެއް ބެނާއެއްގައި ބުނީ 12 އަހަރުވީ އިރު އެ އާއިލާގެ ފަރާތުން ގޯނާއެއް ނުލިބޭތީ އެ މީހުން ފޮނުވާނުލާން އެދޭ ކަމަށެވެ.

ފްރާންސްގެ އެ އާއިލާ ފޮނުވާލުމާ ގުޅޭ ގޮތުން ދިވެހީންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. އެގޮތުން ބައެއް ދިވެހީން ބުނީ ފްރާންސްގެ އާއިލާ ފޮނުވާނުލާ ނަމަ ނުގަވައިދުން ގިނަ ދުވަހު އުޅޭ ބަނގުލަދޭޝް މީހުންވެސް ފޮނުވާލައިގެން ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ރޭގެ އިހުތިޖާޖުގައި ބެނާއެއް ހިފައިގެން ހުރި މީހަކު ބުނީ އިސްލާމް ދީނަށް އުޅެން ހުރަހެއް ނެތް ބަނގުލަދޭޝް ފަދަ ގައުމަކާ ފްރާންސް ފަދަ ގައުމެއްގެ މުސްލިމަކާ އަޅާ ނުކިޔޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން