ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޙައްމަދު ނަޝީދު
ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޙައްމަދު ނަޝީދު
މޫސުމަށް އަންނަ ބަދަލުތަކުގެ އަގު ދައްކަން ޖެހިފައި މިވަނީ ރާއްޖެފަދަ ޤައުމުތަކުން ކަމަށް ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިބީދައިން ވިދާޅުވީ ރާއްޖެއަށް އިއްޔެކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ޙިއްސާ ކުރަށްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށާއި މޫސުމަށް އަންނަ ބަދަލާއެކު ދުނިޔެ ހޫނުވަމުންދާނަމަ އިއްޔެ މާލެއިން ފެނުނު މަންޒަރު ތަކުރާރުކޮށް ފެންނަމުންދާނެ ކަމަށެވެ.

“މިކަން މެދުވެރިވުމުގައި ދިވެހިންގެ އެއްވެސް ބައިވެރިވުމެއް ނެތް ނަމަވެސް ރާއްޖެއަށް މިވަނީ މިކަމުގެ އަގު އަދާކުރަން ޖެހިފައި.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނާއިންސާފުކަމަކީ މިއީ ކަމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ލޮސް އެންޑް ޑެމޭޖު ފަންޑު ލިބިދާނެ ކަމަށް ރާއްޖެއިން އުއްމީދުކޮށްގެން ނުވާނެ ކަމަށެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ.

އަދި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ އާއި ރޭ މާލެއަށް 162 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އިއްޔެގެ ވިއްސާރައިގައި މާލެއަށް ލިބުނު ގެއްލުމުގެ ސަބަބުން 36 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން