ޓްރާންފޯމަރުން ވައްކަންކުރަން އުޅުނު މީހާއާއި ކުރިމަތިލި މުވައްޒަފަށް ސްޓެލްކޯގެ މެޑަލް އޮފް ބްރޭވަރީ ދީފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެޑަލް އޮފް ބްރޭވަރީ އާއި އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން ދީފައިވަނީ، 14 ޖަނަވަރީ 2025 ވީ އަންގާރަ ދުވަހުގެރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު ދެމީހުން ހުއްޓުވައި އެމީހުން ކަމާބެހޭ ފަރާތްތަކާއި ޙަވާލުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި، އަދި ވަގުން ދިން ހަމަލާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު، އަޙުމަދު ވިޝާންއަށެވެ.

މީގެ އިތުރުން ވިޝާން އާއިއެކު ޙާދިސާ ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވި ސްޓެލްކޯގެ އިތުރު މުވައްޒަފެއް ކަމަށްވާ ސަރުވާން މުޙައްމަދަށްވެސް ކުންފުނީގެ ފަރާތުން ވަނީ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން ދީފައެވެ.

މުވައްޒަފުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ ވިދާލުވީ ސްޓެލްކޯއަކީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު އަބަދުވެސް އަދާކުރާ ކުންފުންޏެއް ކަމަށެވެ.

"މި ކުންފުންޏަކީ މުވައްޒަފުންގެ އަގުވަޒަންކޮށް، މުވައްޒަފުންނަށް ދިމާވާ ކަންކަމުގައި އަޅާލާ، އޯގާތެރި މެނޭޖްމަންޓެއް އޮންނަ ކުންފުންޏެއް އަބަދުވެސް. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކަން މި އަރުވަނީ މިއަދުވެސް ކުންފުނީގެ މެނޭޖްމަންޓް އޮތީ ހަމަ އެގޮތަށޭ. ތިބޭފުޅުންނަށް ދިމާވާ ކޮންމެ ކަމެއްގަ އަޅުގަނޑުމެން ފަހަތުގަ ތިބޭނަން. އެކަމަކީ އަނިޔާއެއް ލިބުންކަމުގައިވިޔަސް، އުފަލެއް ލިބުންކަމުގައިވިޔަސް އަދި ހިތާމައެއް ލިބުންކަމުގައިވިޔަސް ކުންފުނީގެ މެނޭޖްމަންޓް އެކަމުގަ (މުވައްޒަފުންގެ) ފަހަތުގަ ތިބޭނެ. އެކަމުގަ (މުވައްޒަފުން ބޭނުންވާ) އެއްބާރުލުން އަޅުގަނޑުމެން ތިބޭފުޅުންނަށް ދޭނަން. އަޅުގަނޑު ޔަޤީންކަން މި އަރުވަނީ، ތިބޭފުޅުން ރެއާ ދުވާލު ތި ކުރާ މަސައްކަތުގަ ލިބޭ ގެއްލުންތަކުގަ ކުންފުނީގެ މެނޭޖްމަންޓުން އެއްވެސްކަހަލަ އިހުމާލުވުމެއް ނޯންނާނެ. ތިބޭފުޅުންގެ ފަހަތުގަ އަޅުގަނޑުމެން ތިބޭފުޅުންނަށް ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދޭނަން." މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު ވިދާޅުވީ، ކުންފުންޏަށް މިހާތަނަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ ފަހަތުގައިވަނީ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގަ ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަމާއި އިތުބާރާއި ހިތްހަމަޖެހުން ހޯދައިދެވިފައި އޮތުން ކަމަށެވެ.

"އަޅުގަނޑުމެން ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން. މިއާމެދު ސުވާލެއް ނެތް. ޝައްކެއް ނެތް. ހަމައެގޮތަށް މަސައްކަތުގެ މާހައުލަކީ، ވަޒީފާގެ މާހައުލަކީ، މުވައްޒަފުންނަށް ސަލާމަތާ ރައްކަތެރިކަމާ ހިތްހަމަޖެހުން ލިބިފަ އޮންނާނެ ތަނަކަށް ވާނެޖެހޭނެކަމީ އެއީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ކަމެއް. އަދި އަޅުގަނޑުމެންނަށް މިއަދާހަމައަށް ލިބިފަ އޮތް ކާމިޔާބެގެ ފަހަތުގަވެސް އޮތީ، ކޮންމެ ކުރިއެރުމެއްގެ ފަހަތުގަވެސް އޮތީ، އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގަ ލިބެންޖެހޭ ސަލާމަތާ ރައްކާތެރިކަމާ، އިތުބާރާ ހިތްހަމަޖެހުން ހޯދައިދެވިފަ އޮތީމަ. އެއީ އަޅުގަނޑުމެންގެ މާޒީގަ އަޅުގަނޑުމެންގެ ވެރިންނާ އަޅުގަނޑުމެންގެ މުވައްޒަފުން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ." ޢަބްދުﷲ ނާޡިރު ވިދާޅުވިއެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހުން އަތުލައިގަނެވިފައިވަނީ 14 ޖަނަވަރީ 2025 ވީ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުމާއި ގުޅިގެން، ޓްރާންސްފޯމަރުތައް ޗެކުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. މި ޙާދިސާގައި ވަގުން މަސައްކަތްކޮށްފައިވަނީ ޓްރާންސްފޯމަރުތަކުގެ އެތެރޭގައި ލޮއިން ހަދާފައިވާ ބައިތައް ވަގަށްނެގުމަށްކަމަށް ސްޓެލްކޯއިން ބުނެއެވެ.

ވަގުން ސްޓެލްކޯގެ މުވައްޒަފު އަޙުމަދު ވިޝާނަށް ޙަމަލާދީފައިވަނީ އެމީހުން ބޭނުންކުރަމުންދިޔަ ރެންޗަކުންނެވެ. މި ޙަމަލާގައި ވިޝާންގެ މޫނުމަތިން ދެތަނެއް ފަޅައިގެންގޮސްފައިވެއެވެ. އަދި ހަމަލާ ދިން މީހާ ފިލާފައިވީނަމަވެސް ވައްކަންކުރުމުގައި ޙަރަކާތްތެރިވި ދެވަނަ މީހާ ހިފަހައްޓައި އޭނާ ވަނީ ފުލުހުންނާއި ޙަވާލުކޮށްފައެވެ.



މި ޙާދިސާއަށްފަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދެވިފައިވަނީ އަންގާރަދުވަހުގެރޭ 21:45 ހާއިރެވެ.

މި ޙާދިސާއާއި ގުޅިގެން ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ސްޓެލްކޯގެ ލާޒިމް ވަސީލަތްތައް (ކްރިޓިކަލް ފެސިލިޓީސް) ރައްކާތެރިކޮށް ބެލެހެއްޓުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، އަދި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މިކަމަށް އިތުރު މަސައްކަތް ކުރުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން