މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
ދަ ހޯކްސްގެ ޖަވާހިރު ބޯޓުން 200 މާސްޓަރ ކާޓަން ސިނގިރޭޓް ރާއްޖެއަށް އެތެރެކުރީ ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެގޮތުންމި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

“މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވެއެވެ. އަދި 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ.” ފުލުހުންގެ ބަޔާނުގައިވެއެވެ.

އޭގެއިތުރުން ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގ ކުށުގެ މައްޗަށް ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންވަނީ ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މި މައްސަލާގައި ކަސްޓަމްސުން ބުނެފައިވަނީ 2024 އޮކްޓޯބަރު 25 ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިލަފުށިން 8475 ސިނގިރޭޓު ކާޓޫން އަތުލައިގަތް ކަމަށެވެ. އެއީ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސްއެވެ.

މި ސިނގިރޭޓުތައް ރާއްޖެއަށް ގެނެސްފައިވަނީ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ އެޖެންޓުކަމުގެ ދަށުން އެ ކުންފުނީގެ ތެޔޮ ބޯޓެއްގައި ކަމަށާާއި، ސިނގިރޭޓުތައް ތިލަފުއްޓަށް ގެންގޮސް އުފުލީ ހޯކްސްގެ އުޅަނދެއްގައި ކަމަށާއި މުދާ ބޭލީ ވެސް އެ ކުންފުނީގެ ގުދަނަކަށް ކަމަށް ކަސްޓަމްސުން މަޢުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅިގެން ހޯކްސްއިން ބުނީ އެ ކުންފުންޏަކީ ސިނގިރޭޓު ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށާއި މައްސަލައާ ގުޅިގެން ކުންފުނީގެ 14 މުވައްޒަފަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން