އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން އިސްނަގައިގެން "ފުދިއްޖެ ފުނޑިއްޖެ" މި ނަމުގައި ކުރިއަށްގެންދާ މުޒާހަރާ ފެށިގެން ކުރިއަށް އެބަދެއެވެ.

އާޓިފިޝިއަލް ބީޗުން ފެށި މި މުޒާހަރާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި ސަރުކާރާމެދު ހިތްހަމަނުޖެހިފައި ތިބި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

އާޓިފިޝަލް ބީޗުން ފެށި މުޒާހަރާގެ ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިޔަށް ދާއިރު މުޒާހަރާގެ ބައިވެރިން އަންނަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.

މިއީ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުނު ފަހުން އެމްޑީޕީން ބާއްވާ މިފަދަ ފުރަތަމަ މުޒާހަރާއެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން އެމްޑީޕީން ވަނީ އާޓިފިޝަލް ބީޗާއި ކާނިވާ ސަރަހައްދުގައި އެއްވުންތަކެއް ބާއްވާފަ އެވެ. ނަމަ މުޒާހަރާއެއް ގޮތަށް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.

މިރޭގެ މުޒާހަރާ ކުރިއަށްގެންދާ ސަބަބުތައް ކަމަށް އެމްޑީޕީން ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީ ބަދަލު ކުރުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރަމުންގެންދާތީއާއި، ސަރުކާރުން އެކިއެކި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި އަދި މުޅި ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްފައި ވާތީއާއި، ޑރ. މުޢިއްޒުގެ ވެރިކަން ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުވަމުން ދާތީ ކަމަށެވެ.

މިރޭގެ މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވަމުންދާ އިރު އެމްޑީޕީގެ ލީޑަރޝިޕުންނާއި އެކިއެކި މެންބަރުން އަންނަނީ ތަފާތު އެކި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

އެމްޑީޕީ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ: "ސަރުކާރު އަޑު އައްސަވާށޭ. ރައްޔިތުން ބޭނުންވާ މެސެޖް މި އަރުވަނީއޭ. ސަރުކާރުގެ ވައުދުތަކެއް ނުފުއްދުނޭ. ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެއްޖެއޭ. ސަރުކަރުން ރައްޔިތުން ބިކަކޮށްލައިފިއޭ. ރައްޔިތުންނަށް ފުދިއްޖެއޭ، ރައްޔިތުން ފުނޑިއްޖެއޭ."

މީގެ އިތުރުން ވެސް ގިނަ ބަޔަކު ތަފާތު އެކި ޝުޢޫރުތައް ފާޅުކޮށް ރައީސް މުޢިއްޒުގެ އިސްތިއުފާއަށް އަންނަނީ ގޮވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން