ސްކޭމްތައް ހުއްޓުވަން މާލީ އިދާރާތައް ގުޅިގެން ގައިޑްލައިނެއް ނެރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު ފަސްވަނަ އިޞްލާޙާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ގުޅުންހުރި އިދާރާތަކާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި މި ބައްދަލުވުމަކީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ، ދިރާގު، އުރީދޫ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ފަހި ޕޭ އަދި ވިލާ ޓްރެވަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ގާނޫނަށް ގެނައި އިސްލާހުތަކާއި ގުޅިގެން އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުންކަން ފާހަގަ ކުރެވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު މި އިސްލާހުގެ މުހިންމު ބައިތަކާއި، އޭގެ ސަބަބުން އިދާރާތަކުގެ މަސައްކަތަށް އަންނާނެ ބަދަލުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި މާލީ އިދާރާތައް ގުޅިގެން ގައިޑްލައިނެއް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޮންލައިން މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށެވެ. މި ގޮތުން، ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ބޭންކުތަކުން އަޅަމުންދާ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައިވާއިރު މި ދާއިރާގައި އިތުރަށް ތަރައްގީ ކުރަންޖެހޭ ކަންކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ސްކޭމްގެ މައްސަލަތަކުގައި ތަހުޤީޤީ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި މި ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވި، ކުރިއަށް އޮތް ތަނުގައި މި އިދާރާތަކުގެ މެދުގައި އޮންނަންވާނެ ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށްވެސް ފުުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން