އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް--
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް--
އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ގެ ލީޑަރު އިބްރާހީމް ނާޒިލް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ބައްދަލުވުން ބޭއްވިކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަޖިލިސް ރައީސް އަބުދުއްރަޙީމް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަރަށް ގިނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތަފްސީލެއް ނާޒިލް ނުދެއްވައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އަބްދުއްރަހީމާ ބައްދަލު ކުރައްވާފައި މިވަނީ ވެރިކަން ކުރާ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އަބުދުއްރަަޙީމްގެ ގުޅުން ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް މުއިއްޒާއި އަބުދުއްރަޙީމްގެ ގުޅުން ގޯސްވެފައިވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބުދުއްރަޙީމްގެ ދަރިކަލުން ފައިސަލް މަގާމުން ވަކިކުރެއްވިފަހުންނެވެ. އޭގެ ފަހުން އަބުދުއްރަޙީމްގެ އާއިލާގެ ބައެއް ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަނީ ވަކިކޮށްފައެވެ.

އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމާ ބައްދަލު ކުރަށްވާފައިވާއިރު މަޖިލިސް މި އަހަރަށް ހުޅުވާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މެމްބަރުންނަށް އެ ދުވަހުގެ އެޖެންޑާ މަޖިލިސް އިދާރާއިން މިހާރު ވަނީ ފޮނުވާފައެވެ. އެޖެންޑާގައި ބުނެފައިވާގޮތުން އެ ދުވަހުގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސް ރައީސް އަބްދުއްރަހީމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން