"ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ކުރީގެ ސަރުކާރުން ފެށި މި މަޝްރޫއުގެ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ލިބުން ލަސްވާތީ އެމްޑީޕީގެ މެންބަރު ކުޑޫ ވަނީ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް އެފްޑީސީގެ އިސްވެރިން ހާޒިރުކޮށް ދިނުމަށް އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު މުހައްމަދު އިބްރާހީމް، ވަނީ އެފްޑީސީ އިން އިމާރާތްކުރާ 4،000 ފްލެޓްގެ ތެރެއިން 744 ފްލެޓް މިހާރުވެސް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.
މި ސިޓީގައި ކުޑޫ ވަނީ ފްލެޓްތައް އަޅަން އަވައްޓެރި އިންޑިއާއިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ދައުލަތުން 23.39 މިލިއަން ރުފިޔާ އަދި އެފްޑީސީގެ ރިކަރަންޓް ހަރަދަށް މަހަކު 3.2 މިލިއަން ރުފިޔާ ހޭދަވަމުންދާކަން ފާހަގަކޮށްފައެވެ. އަދި މި މަޝްރޫއުގެ ދަށުން ނިމިފައިވާ ފްލެޓްތަކާއި ކޮމާޝަލް އޭރިއާ ދޫކޮށްގެން ކޮންމެ މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން