މަރްޔަމް ނަހްދާ ވަޙީދު   6 ފެބްރުއަރީ 2025 - 18:44
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް- ގޫގުލް އިމޭޖެސް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް- ގޫގުލް އިމޭޖެސް
ޕާޓީތަކުގެ މެމްބަރުން ގެންދިއުމުގެ ކަންތައް އެންމެ ފުރަމަތަ ފަށާފައިވަނީ އިދިކޮޅު އެމްޑީޕީ އިން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު މަޖިލީސް އިދާރާގައި ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނައި އިސްލާހަށް އިދިކޮޅުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް އަލިއަޅުވާލައްވަމުން ގާސިމް ވިދާޅުވީ ހުރިހާ ކަމެއްވެސް ފަށަނީ އެމްޑީޕީން ކަމަށެވެ.

ގާސިމް ވިދާޅުވީ އެ އިސްލާހަކީ ގާނޫނު އަސާސީ އާ ހިލާފު އިސްލާހެއް ކަމަށާއި، ގާނޫންއަސާސީން މެމްބަރުންނަށް ދިން މިނިވަންކަން މި ސަރުކާރުން ބަންދު ކުރީ ކަމަށް އެމްޑީޕީން ބުނަމުންދިޔަ ނަމަވެސް، އެކަންތައް ފެށީ އެމްޑީޕީއިން ކަމަށެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައިވެސް ރައްޔިތުންގެ މަޖިލީހުންވެސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނެއް ފާސްކުރި ކަމަށެވެ. ނަމަވެސް އެ ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފަށް، މެންބަރުން އަމިއްލައަށް އިސްތިއުފާ ހުށަހަޅަން މަޖުބޫރުވާ ގޮތަށް އޮތް ގާނޫނެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

އެފަހަރު އެމްޑީޕީން އެ ގާނޫނަށް އިސްލާހު ގެނެސްފައި ނުވަނީ ގާނޫނުއަސާސީ އިސްލާހުކުރަން ބޭނުންވާ ވަރަށް މެންބަރުން ނެތުމުންނެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކޮންމެ ބަޔަކުވެސް އެބައެއްގެ ސަލާމަތަށް އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށާއި، ގާނޫނަށް މި ސަރުކާރުން އިސްލާހު ގެނެސްފައިވަނީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ތިންމަސްވެސް ނުވަނީސް ވެރިކަމުން ބޭރުކޮށްލާނެ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާތީ އެ ސަބަބާ ހުރެ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ 2009 ވަނަ އަހަރު އެމްޑީޕީ އަށް ލިބުނީ މަޖިލީހުގެ 26 ގޮނޑި ކަމަށާއި، ނަމަވެސް ދައުރު ނިމުނުއިރު އެހެން ޕާޓީތަކުގެ މީހުން ގެންގޮސްގެން 35 ގޮނޑި ހަމަކުރި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން