ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެ ގާނޫނާ ހިލާފުވެ ވޭޕް ބޭނުންކޮށްގެންނާއި ގެންގުޅެގެން ކުރެވުނު ޖޫރިމަނާތަކުގެ ޖުމުލަ 195،500 ރުފިޔާއަށް އަރާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މިއަދު ފުލުހުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ވޭޕް ބޭނުންކުރުމާ ގުޅޭ 41 މައްސަލައެއްގައި 35 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. މީގެ ތެރެއިން މިދިޔަ މަހު 13 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށް، ޖުމުލަ 65،000 ރުފިޔާ ހޯދާފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށް، 70،000 ރުފިޔާ ވަނީ ހޯދާފައެވެ. އަދި ޑިސެމްބަރު މަހު 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށް، 60،500 ރުފިޔާ ހޯދާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، ޖޫރިމަނާ ކުރި ނަމަވެސް ފުލުހުން ވޭޕް އަތުލާފައެއް ނުވެއެވެ.

މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވާނެއެވެ. އަދި އެ މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައިވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ސިނގިރޭޓް، ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އެކަކު އަނެކަކަށް ދޭ މީހުންނާ މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެއެވެ. އަދި މިފަދަ އާލާތްތައް ބޭނުން ކުރާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން