އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ
ފުލުހުން މެދުވެރިކޮށް ބިރު ދެއްކިއަސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގްސަދުގައި ކުރަމުންދާ އިހުތިޖާޖުތައް ހުއްޓާނުލާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އިހުތިޖާޖު ކުރަނީ ސަރުކާރާމެދު ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލިސް މެދުވެރިކޮށް ހިއްސާ ނުކުރެވޭތީ އެކަންތައް ހިއްސާ ކުރާނެ އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

އަދި ރައްޔިތުން މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަމުންދަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށްވެސް މައުރޫފު ވަނީ ވިދާޅުވެފައެވެ.

ގާނޫނުގައި މި ބާރު ރައްޔިތުންނަށް ދީފައިވީނަމަވެސް، އެކަންތައް ހުއްޓުވުމަށް މިހާރު ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް މައުރޫފު ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުލުހުން މެދުވެރިކޮށް، އިހުތިޖާޖުތަކުގައި ބައިވެރިވާ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން، ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަމުންދާ ކަމަށް މައުރޫފް ފާހަގަ ކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އަޑުނީވޭތީވެ އަޑު އުފުލުމަށް އެމްޑީޕީން ހިންގާ އިހުތިޖާޖުތަކާއި، ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ދިވެހި ފުލުހުން ކުރިއަށް ގެންދާ ކަންތައް ހަރުއަޑުން ކުއްވެރި ކުރައްވާ ކަމަށެވެ.

"އެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތްތަކަށް ޗިޓު ފޮނުވައި، ފުލުހަށް ހާޒިރު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ،" ނާޒިލް ވިދާޅުވިއެވެ.

އެމްޑީޕީން ބުނެފައިވަނީ ސަރުކާރުން ކިތައްމެ ވަރަކަށް ބިރު ދެއްކިއަސް، ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަން ކުރަންޖެހޭ ކޮންމެ ކަމެއްވެސަ ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން