ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
މިސަރުކާރަށް 2024 ޖޫންގެ ނިޔަލަށް ފެނަކައިން މަދުކުރެވުނީ އެންމެ 87 މުވައްޒަފުން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީސީބީން މިއަދު ހާމަކޮށްފައިވާ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ފެނަކައިގައި ތިބީ 7132 މުވައްޒަފުންނެވެ. އަދި 2024 ގެ ދެވަނަ ކުއާޓާ ނިމުނުއިރު ފެނަކައިގައި ތިބީ 7045 މުވައްޒަފުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މި ސަރުކާރުން ވަނީ ފެނަކައިން ގިނަ ޢަދަދެއްގެ މުވައްޒަފުން ވަކި ކުރުމަށްފަހު އެ މަޤާމުތަކަށް އަލުން މުވައްޒަފުން ނަގާފައެވެ. އެގޮތުން 2023 ނިމުނުއިރު އެކުންފުނީގައި ތިބި 7132 މުވައްޒަފުންގެ ޢަދަދު 2024ގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ހުރީ 6543 ގައެވެ.

ނަމަވެސް ދެވަނަ ކުއާޓާ ނިމުނުއިރު އެޢަދަދު އަލުންވަނީ 7045 މުވައްޒަފުންނަށް އިތުރުވެފައެވެ.

އެހެންކަމުން ފެނަކައިގައި ބޭނުމެއްނެތް ބޭކާރު ވަޒީފާތަކެއް އެމްޑީޕީގެ ސަރުކާރުން އުފެއްދި ކަމަށް މި ސަރުކާރުން ވެރިކަމަށް ޙަވާލުވުމަށްފަހު ބުނަމުން ދިޔަ ނަމަވެސް މި ސަރުކާރަށްވެސް ފެނަކައިން މަދު ކުރެވުނީ އެންމެ 87 މުވައްޒަފުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުންވެސް ތިބީ ފެނަކައިގައެވެ. އެކުންފުނީގައި 7045 މުވައްޒަފުން ތިބިއިރު ދެވަނައަށް އެންމެ ގިނަ މުވައްޒަފުން ތިބީ އެމްޓީސީސީގައެވެ. އެކުންފުނީގައި 4762 މުވައްޒަފުން އެބަތިއްބެވެ. މިއީ އެމްޓީސީސީގައި 2023 ވަނަ އަހަރު ނިމުނުއިރު ތިބި 4507 މުވައްޒަފުންނަށްވުރެ 255 މުވައްޒަފުން އިތުރު ޢަދަދެކެވެ.

އޭގެ އިތުރުން ލިސްޓުގެ ތިންވަނައިގައި އޮތް އެމްއޭސީއެލް އަށް 2023 ވަނަ އަހަރަށް ވުރެ 703 މުވައްޒަފުން އިތުރުވެފައިވެއެވެ.

2023 ވަނަ އަހަރަށްވުރެ 2024ގެ ދެވަނަ ކުއާޓާގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު އިތުރުވެފައިވާއިރު ސަރުވާރުން ވަނީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އިސްލާޙީ މަސައްކަތްތަކެއް ފަށާނެކަން ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން