ކާނިވާ ސަރަހައްދުގައި އާ ސްޓޭޖެއް އަޅަން މާލެ ސިޓީ ކައުންސިލުން ޔޫއެޗް އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި އާ ސްޓޭޖެއް އަޅަން ޔޫއެޗް އިންވެސްޓްމަންޓާ ހަވާލުކުރީ 140 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި ސްޓޭޖް އަޅަން 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގައި ސްޓޭޖް ހަރަކާތްތައް ހިންގޭ ގޮތަށް އޮތް އެ ސަރަހައްދު މިހާރު ވީރާނާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު އާ ސްޑޭޖު އަޅަން ހަމަޖެހިފައި ވަނީ މިހާރު ހުރި ސްޑޭޖު އެއްކޮށް ތަޅާލުމަށްފަހުގައި ކަމަށް ކައުންސިލުން ބުންޏެވެ.

މިދިޔަ އަހަރު މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ކާނިވާ ސަރަހައްދު ބާވެ އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އަނިޔާއެއް ވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ އެތަން ތަރައްގީވުމުން މާލޭގައި ޒުވާނުންނަށް އެކި ހަރަކާތްތައް ހިންގާނެ ތަނެއް ކަނޑައެޅި، ފަންނުވެރިކަން ކުރިއެރުވުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށެވެ.

އަލިމަސް ކާނިވާ ސަރަހައްދު ތަރައްގީ ކުރުމުގެ އެކި ޕްލޭންތައް އެކި ސަރުކާރުތަކުން ހެދިނަމަވެސް އެތަން ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަކަށް ނުދެއެވެ. މިތަނަކީ މީގެ 21 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ތަޢުލީމުގެ މުންނާރު ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވި ކާނިވަލެކެވެ. އޭގެފަހުން އެތަނުގައި ކެފޭތައްވެސް ހިންގަން ފެށިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން