ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނާއި، އެޓެންޑެންޓުންނަށް ކޮވިޑް-19ގެ އެލަވަންސް ހަމަހަމަ ކަމާއެކު ނުލިބޭ މައްސަލައިގައި އެމީހުން މިއަދު މުޒާހަރާ ކޮށްފިއެވެ.

ކޯވިޑް-19އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ރައީސް ޞާލިޙް ހަމަޖައްސަވައި އެ އެލަވަންސް ދޭން ފަށާފައިވާއިރު ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނަށް އެ އެލަވަންސް ހަމަހަމަ ކަމާއެކު ލިބެމުން ނުދާތީ އެމީހުންވަނީ އެކަމުގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. އަދި މިކަމާ ގުޅިގެން "ރަސް އޮންލައިން" އިން ވާނީ ވަރަށް ތަފުސީލީ ރިޕޯޓެއްްވެސް މީގެ ކުރިން ގެނަސްދީފައެވެ.





ހުޅުމާލެ ހޮސްޕިޓަލްގެ ގޯތި ތެރޭގައި ކުރި މި މުޒާހަރާގައި ގާތްގަނޑަކަށް 40 ނަރުހުން ބައިވެރިވިއެވެ. ނަރުހުން މުޒާހަރާކުރީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. މިއަދު ހަވީރު ހަތަރެއް ޖެހިއިރު ފެށި މުޒާހަރާގައި އޮފް ޑިއުޓީ ނަރުހުންނާއި މިއަދު ހެނދުނު ޑިއުޓީކުރި ނަރުހުން ބައިވެރިވެއެވެ.



އެލަވަންސްގެ މައްސަލައިގައި މީގެކުރިން "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަރުހަކު ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުން ހުޅުމާލޭ ފެސިލިޓީއަށް މަސައްކަތްކުރަން ދިޔަ 3 ނަރުހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި ދިނީ 8000 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް ހުޅުމާލޭ ހޮސްޕިޓަލުގެ ހައިރިސްކް އޭރިޔާގައި މަސައްކަތްކުރާ ނަރުހުންނަށް އެލަވަންސް ނުދީ ލޯންޑްރީގައި މަސައްކަތްކުރާ މީހުންނާއި ހޮސްޕިޓަލު މެމޯ ހަދާ މީހާއަށް ރިސްކް އެލަވަންސްގެ ގޮތުގައި 30000 އިން 40000 އިން އެލަވަންސް ދީފައިވާއިރު ނަރުހުންނާއި ޑޮކުޓަރުންނަށް އެލަވަންސް ނުދޭކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވާހަކަ ދެެއްކި ނަރުހަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައިރިސްކްގައި މަސައްކަތްކުރާ ނަރުހުންނަށް އެލަވަންސް ދިނުމުގައި ތަފާތު ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި، އެލަވަންސް އެންމެންނަށް ވެސް ދޭންޖެހޭނީ ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށެވެ. ފްރަންޓްލައިން އެލަވަންސް ދިނުމަށް ވޯލްޑް ބޭންކުން ގައިޑްލައިން އެއް ކަނޑައަޅައި އުސޫލެއް އާންމުކޮށްފައިވާއިރު މިހާރު އެލަވަންސް ދެނީ އެ ގައިޑްލައިނާއި ކަނޑައެޅިގެން ޚިލާފަށް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުން ފާހަގަކުރެއެވެ.

ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަކީ މިވަގުތު ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނެވެ. ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެލަވަންސް ބަހާފައިވަނީ 3 ގިންތިއަށެވެ. ހައި ރިސްކް ވޯކަރުންނާއި މީޑިއަމް ރިސްކް ވޯކަރުންނާއި ލޯ ރިސްކް ވޯކަރުންނަށެވެ.

ހައި ރިސްކް ވޯކަރުންގެ ގޮތުގައި ބަލަނީ ބަލި ހުންނަ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އާރްއާރް ޓީމްތަކުގެ މެމްބަރުންނާއި، ލެބް ޓެކްނީޝަނުން އަދި ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. އެފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސް ދޭގޮތަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މަށޭކިޔާހޭ

07-Sep-2020

ހައި ރިސްކް ވޯކަރުންނާއި އެއްގިންތީގައި މަސައްކަތް ނުކޮށް އެ ލޭޔަރަށް ދޭ އެލަވަންސް ލިބިގަތުމަށް މުޒާހަރާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކައްކާ ގޭސް ގަނޑެއް.



ޓްރެންޑިން