ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ މަޖިލީހެއް ނޫން ކަމަށާއި، މިއީ ރައްޔިތިންގެ މަޖިލީހެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރުމުގެ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ރުހުން ހޯދަން ކަމަށާއި، އެހެންވެ ރިޕޯޓުތަކަށް މެންބަރުން ވޯޓު ދޭ ގޮތުން ވެސް އެ މެމްބަރުންނަށް ގޮތްގޮތް ވާކަމަށެވެ.

އަދި މެމްބަރުން ނިޒާމީ ނުކުތާތައް ނަގަނީވެސް މިސަބަބާ ހުރެ ކަމަށާއި، އެއީ އަސްލު ނިޒާމީ މައްސަލައެއް އޮވެގެން ކުރައްވާ ކަމެއް ނޫން ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

"ނިޒާމީ ނުކުތާ ނަގައިގެން އެބަހުރި ސުލޫކީ ކޮމިޓީން މާލިއްޔަތު ކޮމިޓީއާ ހަމައަށް މީހުން ގޮސްފަ." ޒިޔާދު ވިދާޅުވިއެވެ.

މިކަމަށް ފާޑު ވިދާޅުވަމުން ޒިޔާދު ވިދާޅުވީ ސަރުކާރުން މަޖިލިސް ބޭނުން ކުރަމުންދަނީ "ޑެގު ބުރުހެއްގެ" ގޮތުގައި ކަމަށާއި، ސަރުކާރަށް ހެދޭ ހަޑި ފިލުވުމަށް މަޖިލިސް މެމްބަރުން ތިބެން ޖެހެނީ ރެއާއި ދުވާލު އެލާޓުގައި ކަމަށެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ މިއީ، ސަރުކާރުގެ މަޖިލީހެއް ނޫން ކަމަށާއި މިއީ ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އެހެންވެ، މީގެ ފަހުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް މެމްބަރުން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން