މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޯޓުތަކުގައި ތަޅު އަޅުއްވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ މިހެން ވިދާޅުވީ ސަންގު ޓީވީއަށް މިއަދު ދިން އިންޓަވިއުއެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އެގޮތުން ދީދީ ވިދާޅުވީ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރު އައުމާއެކު ކޯޓުތަކަށް އަތް ބޭނުން ހުއްޓުނީކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި މިވާހަކަތައް ތަކުރާރުކުރައްވަމުން ދިޔަ ނަމަވެސް، ސަރުކާރުން ކަންކުރަނީ މިފަދައިން ނޫން ކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ ސަސްޕެންޑު ކޮށްފައިވަނީ ދުސްތޫރީ މައްސަލަ ބަލަން ފެށުމުން ކަމަށެވެ. އަދި މިކަން ކޮށްފައި މިވަނީ ގަނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ކައިރި މުސްތަގުބަލެއްގައި ވެސް ބެލޭނެ ގޮތަކަށް ނޫންކަމަށް ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން ދީދީ ވިދާޅުވީ މި ސަރުކާރުން މިވަނީ ރާއްޖޭގެ ޖުޑިޝަރީ އެއްކޮށް "ފުނޑާލާފަ" ކަމަށާއި، ސަރުކާރުން ކޯޓުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ތަކުރާރުކޮށް ބުނިނަމަވެސް ފެންނަން އޮތް ހަގީގަތަކީ މުޅި ދާއިރާ އެއްކޮށް ޕެރަލައިޒްކޮށް ތަޅު އަޅުވާފައިވާ މަންޒަރު ކަމަށެވެ.

އަދި މި ހުރިހާ މައްސަލައެއްވެސް ދިމާވެފައިމިވަނީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން އެދި ކޯޓަށް ދިއުމުން ކަމަށް ދީދީ ވިދާޅުވިއެވެ.

މި މައްސަލަ ބަލަން ފަށާފައިވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ސަސްޕެންޑު ކޮށްފައެވެ. ސަސްޕެންޑު ކުރެއްވުމުން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ މައްޗަށް ކުރާ ތުހުމަތުތައް މިހާރު ޖުޑިޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން