މިނިސްޓަރ ޑރ. އައިޝަތު ޝިހާމް
މިނިސްޓަރ ޑރ. އައިޝަތު ޝިހާމް
މުޖްތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސާނީ ހައްޤުތަކާއި ކަރާމަތަށް ގެއްލުންވާފަދަ ގޮތަކަށް ރާއްޖޭގެ މީޑިއާއެއްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކާފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ބުނެފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ އެންމެހާ ކަންތައްތަކަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މަނާކޮށްފައިވާ ކަންތައް ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގެ މީޑިއާ ޗެނަލަކުން ގެނެސްދިން ޕްރޮގުރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާތީ މިނިސްޓްރީން އެކަމާ ކަންބޮޑުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މި ހާދިސާގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ހީނަރުކަން ލިބޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވުމުން ނުކުޅެދޭ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަ ދެއްކުން އާންމުވުމަށް ދޮރު ހުޅުވޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން މި މައްސަލައާ ގުޅިގެން އެފަދަ ވާހަކަތައް ބްރޯޑްކާސްޓްކުރި މީޑިއާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓްރީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައެވެ.

އަދި މުޖުތަމައުގައި ތިބި ޚާއްސަ ރައްކާތެރިކަމާއި، އަޅާލުމާއި ލޯބި ލިބެންޖެހޭ ހުރިހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ހައްގުތައް ކަށަވަރުކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމައުގެ ހުރިހާކަމެއް ރޭވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ކަށަވަރުކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ މީހުންނާއި ކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން ވާހަކަދައްކާފައިވަނީ ރާއްޖެ ޓީވީން ގެނެސްދޭ "ކާލާ ބައިސާ" ޕްރޮގްރާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން