އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކޮށްފިނަމަ، އެ ބޭފުޅުން މަޖިލީހަށް އިންތިހާބުވުމަށް ހަރަދު ކުރުމަށް ނެގި ލޯނުތައް އަދާ ނުކުރެވޭނެކަމަށް ވިދާޅުވެ އެކަމާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ދެކޮޅުކަން ހާމަކުރައްވައިފިއެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް އަދި ބޭސްފަރުވާގެ އިނާޔަތްތައް ކަނޑާލުމަށް ގޮވާލާ ބަޔަކު ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. އޮންލައިންކޮށް ސޮއި ކުރުން ކުރިއަށް ގެންދާ އެ ޕެޓިޝަންގައި ގިނަ ބަޔަކު މިހާރު ވެސް ސޮއި ކޮށްފައިވެއެވެ.

އެ ޕެޓިޝަނާއި ގުޅުވައި ފަލާޙް މިއަދު އެކްސްގައި ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ގޯސް ހިޔާލެއް ނޫންކަމަށެވެ. ނަމަވެސް، މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ހަދަން އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ފާސްކޮށް އެކަންކުރަން އުޅެފައި އޮތްކަން ފެންނަން އޮތްކަމަށެވެ.

އަދި އެކަން ހުއްޓުވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ފަލާޙް ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑުގެ ވިސްނުން ދަންނަވާލާނަން. މަޖިލިސް މެންބަރުންގެ މުސާރައަށް ބަދަލު ގެނައުން ރަނގަޅީ ދައުރެއް ނިމި، އާ ދައުރެއްގެ އިންތިހާބަށް. ސަބަބަކީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން މަޖިލީހަށް ވަންނަތަނުން މުސާރަ ކުޑަކޮށްލުމުން އިންތިހާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ.” ފަލާޙް ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އާ ދައުރަކަށް މެންބަރުން ހޮވާއިރު މުސާރަ ކުޑަކޮށްފިނަމަ އެކަމުގެ ޝަކުވާ އެ މެންބަރުންނަށް ކުރެވެން ނޯންނާނެކަމަށެވެ.

ފަލާޙް ވިދާޅުވީ، މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރާ ވާހަކަ ދެކެވޭއިރު ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ފަނޑިޔާރުންގެ މުސާރައިގެ ވާހަކަ ވެސް ޕެޓިޝަނުގައި ހިމެނުން މުހިންމުކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާތީ ފަލާޙްގެ ޕޯސްޓްގައި ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން