ސައިފް ފާތިހު. ފޮޓޯ: ޕްލަސް އެމްވީ
ސައިފް ފާތިހު. ފޮޓޯ: ޕްލަސް އެމްވީ
ސިޔާސީ ޕާޓީއެއްގެ ފެންވަރު އަދި ވޯޓު ލިބޭމިންވަރު ބިނާވަނީ އެ ޕާޓީއެއްގައި ތިބޭ މެމްބަރުންގެ އަދަދަކުން ނޫން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް މިހާރު އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ޑިމޮކްރެޓްސް އާ ގުޅި ކޯލިޝަނެއް ހެދުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. މިކަމާމެދު އެމްޑީޕީިގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައިފް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ޢަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ފަރާތްޕުޅުން ކެބިނެޓުގައި ވަޒީރުން ތިއްބެވި ކަމަށެވެ. އަދި އެފަރާތްތަކުން ވެރިކަމުގެ ސިޔާސަތު އެކަށައަޅުއްވާ ހިންގެވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހޯމް މިނިސްޓްރީ ފަދަ މުހިންމު މަގާމުތައްވެސް އެބޭފުޅުން ފުރުއްވި ކަމަށް ސައިފް ވަނީ ވިދާޅުވެފައެވެ.

"އެކަމަކު ލޯކަލް ކައުންސިލެއްގައިވެސް ހަމަޔަށް ދެތިންގޮނޑި ނެތް." ސައިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޚިދުމަތް، ފަންވަރު، ވޯޓު ނެގޭވަރު އަދި ބޭނުން ބިނާވަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަކަށް ނޫން ކަމަށެވެ. އަދި އެންމެން އެއް ކުލައެއްގެ ޓައީ ނޭޅި ކަމުގައި ވީނަމަވެސް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު މިއޮތީ އެގޮތަށް އެކުގައި މަސައްކަތް ކުރަން ޖެހިފައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.



އެމްޑީޕީ ވެރިކަންކުރި ކޮންމެ ފަހަރަކުވެސް ވެރިކަމަށް އައިސްފައިވަނީ އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ. ނަމަވެސް މިފަހަރު ޑިމޮކްރެޓްސް އާއެކު ކޯލިޝަން ހެދުމުގެ ހިޔާލު ރައީސް ނަޝީދު ހުށަހެޅުއްވުމުން މިކަމާމެދު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މިކަމާމެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީއާއެކު ބަދަހި ގުޅުމެއް އޮންނަ އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެމްޑީޕީން މަސައްކަތް ކުރުމަކީ އެޕާޓީން ގަބޫލުކުރާ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން