"ހޮޅުދޫ ބޯޓު" ރޯވި ހާދިސާގައި ގެއްލުނު ޒުވާނާގެ މައްޗަށް ކަށުނަމާދު ކުރެވޭނީ އެ މީހެއްގެ މަރާ މެދު ގާޒީ ވަކިގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެޒުވާނާ ދަތުރުކުރަމުން ދިޔަ ބޯޓުގައި އަލިފާން ރޯވީ މިދިޔަ ހަފުތާގެ ތެރޭގައި އެ ބޯޓު މާލެ ދަތުރުކުރަމުން ދަނިކޮށެވެ. ބޯޓުން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މާދަމާ ޣައިބަށް ކަށުނަމާދުކުރަން މިހާރު ވަނީ ނިންމާފައެވެ.

މާވަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ 25 އަހަރުގެ ޒުވާނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހުގައި ކަމަށެވެ. އަދި އެ ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ކައުންސިލްގެ މި އިއުލާނާ ގުޅިގެން ވަޒީރު ޝަހީމް ވިދާޅުވީ މިފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ޖެހޭނީ ގާޒީއަށް ކަމަށެވެ. އަދި ކަން ހިނގައި ދިޔަގޮތް ބަލައި، އޭނާ މަރުވެއްޖެކަން ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ޝަހީމް ވިދާޅުވީ އެފަދަ މައްސަލަތަކުގައި ގާޒީގެ ހުކުމެއް އޮންނަން ޖެހެނީ މަރަކީ ޝަރުއީ ވަރަށް ގިނަ ކަންކަން އެ ކަމެއްގެ މައްޗަށް ތަރުތީބުވެފައިވާ ކަމަކަށް ވާތީ އެވެ. އޭގެ ތެރޭގައި ވާރުތަ މުދަލާއި އިއްދައިގެ ކަންކަން ހިމެނޭކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތުން ގެއްލިފައިވާ މީހަކު ނަމަ އެ މީހާ އަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެ ކަމަށާއި ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެ ކަމަށާއި އެފަދަ ހާލަތެއްގައި އެ މީހުންނަކީ އޭނާގެ ވާރުތަ ވެރިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ ހާލަތެއް އަތުވެއްޖެ ނަމަ މަރުވި މީހާ އަކީ އެ މީހުންގެ ވާރުތަ ވެރިއާ ކަމަށާއި މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މި ހުރިހާ ކަމެއްގެ ހުކުމްތަކަށް ޝަރުއީ ގޮތުން އަސަރުކުރާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. އަދި މިކަމުގައި ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ގެއްލިފައިވާ މީހާއާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ބައެއް އިލްމުވެރިން ބަޔާންކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން